ހަބަރު

ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުުންދާ ވިއްސާރާގައި ދެކުނު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުން ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަ ގެއަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި އެ ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޏ. ފުވައްމުލަކުގައި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ މާލެ ގަމް އާއި ހޯދަޑު އަވަށުގައި ކާނުތައް ކަނޑައި ފެން ބޭރު ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށާއި އެމަސައްކަތުގައި އެމްއާރުޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެެވެ.

އެމްއެންޑީއެފުން ބުނީ، ގދ. ތިނަދޫ އަށް ކުރަމުންދާ ވިއްސާރައިގައި އެރަށު ކައުންސިލް އިދާރާއަށް ފެންވަންނަމުންދާތީ ތިނަދޫ ފަޔަ ސްޓޭޝަންގެ ސިފައިންނާއި އެއަތޮޅު ކޫއްޑޫ ޕޯސްޓުގެ ސިފައިން ގުޅިގެން ޕަމްޕް ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޑިޒާސްޓަ މެނޭޖްމަންޓުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑު ގެއްލުމެއް ވެގެން އެއްވެސް ރަށަކުން އަންގާފައިނުވާ ކަމަށާއި ނަމަވެސް ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ، ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި އެގޮތުން ލ. ގަމަށް 117 މިލިމީޓަރުގެ ވާރޭ އަދި ގދ. ކާޑެއްދޫއަށް 80 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާ ކުރާ ކަމަށެވެ.