ހަބަރު

ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ: މައުމޫން

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުހައްގުން ޖަލަށް ލެވުނުތާ މިއަދަށް 1000 ދުވަސްވެފައިވާ ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އޮފީހުން ގޮވާލައިފި އެވެ.

މައުމޫން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނާޒިމްގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތަކުން ނޫންކަން ކަމަށެވެ. އަދި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އޭނާގެ ޑީއެންއޭ އާއި ފިންގަޕްރިންޓްވެސް ފެނިފައިނުވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ އޭނާގެ ތަކެތި ނޫން ކަމަށާއި އެތަކެތީގެ ހަގީގެއް އެއްވެސް މިންވަރަކަށް އޭނާ އަށް ނޭންގޭ ކަން ޝަރުއީ ހަމަތަކުގެ މަތީން ސާބިތުކޮށްދޭނެ ކަމުގެ ޔަގީން ކަން އަދީބު ދީފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ނާޒިމްގެ އާއިލާއިން އދ ގެ ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލައިގެ ވެސް ނާޒިމްގެ މައްސަލައިގެ ތަހުގީގުގެ މަރުހަލާގައިވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައި ހުރި ކަމަށެވެ. ނާޒިމްގެ މައްޗަށް ހިންގާފައިވަނީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ކަނޑައަޅައި އޭނާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ނާޒިމްގެ އިތުރުން އިންސާފުން ބޭރުން ހުކުމް ކޮށް ޖަލުގައާއި ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރަމުން ދާ އެންމެން ދޫކޮށްލުމަށާއި މިހާރު ތަހުގީގީ މަރުހަލާގައިވާ ފަރާތްތަކަށް މިނިވަން އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު ދިނުމަށް ސަރުކާރަށް މައުމޫންގެ އޮފީހުން ވަނީ ގޮވާލާފަ އެވެ.

ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ހަނގުރާމަ ވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ.