ހަބަރު

ސާފުތާހިރުކަން ކުޑަވެ، ފަސޭހަ ޕޮއިންޓް އަނެއްކާވެސް ބަންދުކޮށްފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މިންގަނޑަށް ނުފެތުމުގެ ސަބަބުން މަޖީދީމަގުގައި ހުންނަ މަޝްހޫރު ފަސޭހަ ޕޮއިންޓް 1 ބަންދު ކޮށްފި އެވެ.

ފަސޭހަ ޕޮއިންޓް ބަންދު ކޮށްފައިވަނީ މިއަދެވެ. އެތަން ބަންދު ކުރުމަށްފަހު ދޮރުގައި ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ، ކާބޯތަކެތީގެ ޒަރިއްޔާއިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކުން އެ ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރި ކުރަން އަމަލުކުރަމުންދާ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" އާއި ހިލާފުވުމުން އެތަން ބަންދު ކޮށްފައިވާ ކަމަށެވެ.

ފަސޭހަ ޕޮއިންޓް މިއަދު ބަންދު ކޮށްފައިވާއިރު، ސާފުތާހިރު ކުޑަވުމުގެ ސަބަބުން މީގެ ކުރިންވެސް އެތަން ވަނީ ބަންދު ކޮށްފަ އެވެ. އެފަހަރު ބަންދު ކޮށްފައިވަނީ އެތަނުގެ ތަޅުންގަނޑުގައި ކާއެއްޗެހި ބެހެއްޓުމުގެ އިތުރުން އެތަނުގެ ތެރޭ ހުރި ފާހާނާއެއްގައި ދިރޭ ބަކައްޓެއް ބަދެފައި އޮތުމުންނެވެ.

ފަސޭހަ ޕޮއިންޓަކީ ދިވެހި ގިނަ ފިރިހެނުންނާއި ޒުވާނުންގެ ވަރަށް ގިނަ އަދަދަކަށް އަރާ ތަނެކެވެ. އެތަނުގެ މަސްބުރި ރިހަ އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ރިހަ އެކެވެ.