ހަބަރު

އެމްއާރްޑީސީގެ އެމްޑީއަކަށް ޝަފާއު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑްގެ ޗެއާ މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މ. ރިވެލިގެ މުހައްމަދު ޝަފާއު ހަސަން އައްޔަން ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ޝަފާއު ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އޭނާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ އެސިސްޓެންޓް މެނޭޖަރުކަމުގެ މަގާމާއި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް މީގެ ކުރިން ކުރައްވާފަ އެވެ.

މީގެ ކުރިން އެމްއާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވީ މުހައްމަދު ނިމާލެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދީފައިވަނީ މިދިޔަ ޖޫން މަހު އެވެ. ނިމާލް މަގާމުން އިސްތިއުފާ ދެއްވީ އަންނަ ރިޔާސީ އިންތިހާބު ކައިރިވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބު ކޮށްދެވުމަށް އޭނާ އަށް ކުރެއްވެން ހުރި މަސައްކަތްތަކަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށެވެ.