ހަބަރު

ޗެނަލް 13އިން މައުމޫންއަށް ފުރައްސާރަކުރުން މައްސަލައަކަށް ނުވި

މިދިޔަ ޖުލައި ނުވަ ވަނަ ދުވަހު ޗެނަލް 13 އިން ދެއްކި ނަނާ ހުވަފެން ޕްރޮގްރާމުގައި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްއަށް ފުރައްސަކޮށް ކާޓޫން ދެއްކުމަކީ މީހެއްގެ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.

މައުމޫންގެ ގަދަރާއި އިއްޒަތަށް އުނިކަމެއް އަންނާނެ ކަމަށް ބެލެވޭ ކޮންޓެންޓެއް ޗެނަލް 13 އިން ދައްކާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ބަލާފައިވަނީ ބްރޯޑްކޮމްގެ އިސްނެގުމުގެ މަތިންނެވެ.

އެ މައްސަލައަށް ޗެނަލް 13 ގެ ސީއީއޯ ހަސަން ގައްސާން ދިން ބަޔާނުގައި ބުނެފައިވަނީ، ބްރޯޑްކާސްޓް ކުރި ކޮންޓެންޓްގައި ސީދާ ދައްކާފައިވަނީ މައުމޫން ކަމަށް ކޮންޓެންޓްގައި ބުނެފައިނުވާނެ ކަމަށާއި ކޮންޓެންޓްގައި ވަނީ ބަޔަކު ކުރި ކަމެއްގެ މައްޗަށް ފާހަގަކޮށް އެކަންކަން ހާމަ ކޮށްފައި ކަމަށެވެ. އަދި ބްރޯޑްކާސްޓް ކުރި ކޮންޓެންޓްގައި ހިމެނޭ އެއްޗެއްސަކީ މީގެ ކުރިންވެސް ޝާއިއުކޮށްފައި ހުރި އެއްޗެހި ކަމަށާއި އެ ފޮޓޯތައް އެހެން ވެބްސައިޓްތަކުގައި ހުރި ކަމަށް އޭނާގެ ބަޔާނުގައި ވެއެވެ. އެ ކާޓޫންތަކަކީ ދިވެހި އޮބްޒާވަރު ހިންގި ދުވަސްވަރު އެ ވެބްސައިޓްގައި މައުމޫންއަށް ހަޖޫ ޖަހައި ޝާއިއުކުރި ކާޓޫންތަކެކެވެ.

ބްރޯޑްކޮމް އިން އެ މައްސަލަ ބަލާ ނިންމި ގޮތް އާންމު ކޮށް ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ކޮންޓެންޓް ދެއްކި ކަމަށް ޗެނަލް 13 އިން އިއުތިރާފް ވެފައިވާ ކަމަށެވެ. އަދި އެ ކޮންޓެންޓް ޗެނަލް 13 އިން ދެއްކީ ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ތެދު ބަޔާން ކުރުމުގެ ގޮތުން ދެއްކި ކޮންޓެންޓެއް ކަމަށެވެ.

ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ދެއްކި ތެދު ހަގީގަތެއް ކަން ޗެނަލް 13 އިން ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި އެ ކޮންޓެންޓްގަައި މައުމޫންގެ އަބުރުގެއްލޭ ފަދަ ކޮންޓެއްޓެއް ދައްކާފައިނުވާ ކަމަށް ނިންމީ އެ މައްސަލަ ބެލި ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ކަމަށް ރިޕޯޓްގައި ވެއެވެ.

ސަރުކާރާއި ދެކޮޅު ކޮންޓެންޓް ހިމެނޭ ޕްރޮގްރާމްތައް ދައްކައިގެން މީގެ ކުރިން ރާއްޖެ ޓީވީ އާއި މީޑިއާނެޓް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ރާއްޖެ ޓީވީ އެންމެ ފަހުން ޖޫރިމަނާ ކޮށްފައިވަނީ ފަސް ލައްކަ ރުފިޔާ އިންނެވެ.