ހަބަރު

އެޑިއުކޭޝަންގެ ލިޔުންތަކެއްގައި ރޯވެ އަނދައިފި

ސަރުކާރުގެ އޮފީސްތައް ހިންގާ، ވެލާނާގޭގެ އަށްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އަލިފާނުގެ ހާދިސާ ހިނގީ އެޑިއުކޭޝަން މިނިސްޓްރީގެ ބައެއްގަ އެވެ.

އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވީ އަށްވަނަ ފަންގިފިލާގައި ހުރި އެޑިއުކޭޝަން މިނިސްޓްރީގެ ސެކްޝަނަކުން އުކާލަން ނެރެފައި ހުރި ކަރުދާސްތަކެއްގަ ކަމަށެވެ. މިހާރު ވަނީ އެ އަލިފާން ނިއްވާލާފަ އެވެ. ހާދިސާ ހިނގާފައިވަނީ މިރޭ 10:30 ހާއިރު އެވެ.

އަލިފާން ނިއްވަން އުޅުނު ވެލާނާގޭ ސެކިއުރިޓީ ގާޑަކަށް ދުމުގެ އަސަރުކޮށްގެން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ. އިތުރު މީހަކަށް މި ހާދިސާގައި އަސަރުކޮށްފައެއް ނުވެ އެވެ. އެމްއެންޑީއެފް އިން ބުނީ އިމާރާތަށް ވެސް ގެއްލުމެއް ވެފައި ނެތް ކަމަށެވެ.