ވިޔަފާރި

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 6.2 ޕަސެންޓް އިތުރު ވެއްޖެ

Apr 28, 2015

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 6.2 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ "ޓޫރިސްޓް އެރައިވަލް" ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މާޗު މަހު ރާއްޖެއަށް 112،427 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު ޒިޔާރަތް ކޮށްފައިވަނީ 105،560 ޓޫރިސްޓުންނެވެ. މިއީ 6.2 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަހު) ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއަށް 329،968 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، މިދިޔަ އަހަރު ފުރަތަމަ ތިން މަސް ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 321،561 ޓޫރިސްޓުންނެވެ. މިއީ 2.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ޓޫރިސްޓުންގެ އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމުތަކަށް ބަލާއިރު، ޗައިނާއިން މިދިޔަ އަހަރުގެ މާޗު މަހު 23،705 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، މި އަހަރުގެ މާޗު މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 25،069 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 5.8 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު އިނގިރޭސިވިލާތުން 8،674 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ މާޗު މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 9،256 އަށް އިތުރުވެފަ އެވެ. މިއީ 6.7 ޕަސެންޓުގެ ކުރިއެރުމެކެވެ.