ޓީވީއެމުން ސިލްސިލާކޮށް ކޮންމެ ރޯދަމަހު ދައްކަމުން އަންނަ މުހައްމަދު ރަސޫލުﷲ އަންނަ ރޯދަމަހު ނުދައްކާނެ ކަމަށާއި އޭގެ ބަދަލުގައި ދެއްކުމަށް ހަމަޖެހިފައިވަނީ ސޮލާހުއްދީން އައްޔޫބީގެ ހަޔާތްޕުޅާ ގުޅޭގޮތުން ކުޅެފައިވާ ސިލްސިލާ ސީރީސް އެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.
މުންނާރު ޗެނަލްގެ ކޮންޓެންޓް މުއްސަނދި ކުރުމުގެ ގޮތުން މެލޭޝިއާގެ ގްލޯބަލް މީޑިއާއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސޮލާހުއްދާން އައްޔޫބީގެ ހަޔާތްޕުޅާ ގުޅޭގޮތުން ކުޅެފައިވާ ސިލްސިލާ ސީރީސްއެއް ޕީއެސްއެމްގެ މުންނާރު ޗެނަލަށް ދައްކާނެ ކަމަށެވެ. އަދި އުންމީދަކީ އަންނަ ރޯދަމަހު އާންމު ކޮށް ދައްކާ މުހައްމަދު ރަސޫލުﷲ ގެ ބަދަލުގައި އެ ސީރީސް ދިވެހި ބަހަށް ތަރުޖަމާ ކޮށް އަޑުއަޅައި އާންމުންނަށް ގެނެސްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސޮލާހުއްދީން އައްޔޫބީއަކީ 1174 އަހަރު އޮތް މުސްލިމުންގެ ވެރިކަމުގެ ރަސްކަލެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ސޮލީބީންނާ ދެކޮޅަށް ހަނގުރާމަކޮށް ގުދުސް ފަތަހަ ކުރި ބަތޮލުގެ ގޮތުގަ އެވެ.
މިނިސްޓަރު ވިދާޅުވީ، ރަސޫލާގެ ހަޔާތްޕުޅާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ 30 އެޕިސޯޑްއޭގެ ސީރީސްއެއް ގްލޯބަލް މީޑިއާގެ ފަރާތުން މުންނާރު ޗެނަލަށް ހިލޭ ހަދިޔާ ކޮށްފައިވާ ކަމަށާއި އޭގެ ދިވެހިތަރުޖަމާ ނިމި ޑަބިން ނުވަތަ އަޑުއެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި ރައްޔިތުންނާއި ހަމަޔަށް އެ ސީރީސް ގެނެސްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މުހައްމަދު ރަސޫލުﷲގެ ބަދަލުގައި އަންނަ ރޯދަމަހު ސޮލާހުއްދީން އައްޔޫބީގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ސީރީސްއެއް ގެނެސް ދޭން ވަނީ ނިންމާފަ، އުންމީދަކީ ރޯދަމަސް އައުމުގެ ކުރިން ސަލާހުއްދާންގެ މައްޗަށް ތައްޔާރު ކޮށްފައިވާ ސީރީސްގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.
މުހައްމަދު ރަސޫލުﷲ އަކީ ރަސޫލުންގެ ހަޔާތްޕުޅާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ މިސްރުގެ ސީރީސްއެކެވެ. އެ ސީރިސް އަކީ ޓީވީއެމުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކޮންމެ ރޯދަމަހަކު ދައްކަމުން އަންނަ ޕްރޮގްރާމެކެވެ. އެ ސީރީސް ގެނެސްދެނީ ދިވެހި ބަހުން އަޑުއަޅައިގެންނެވެ.