ހަބަރު

މުންނާރު ޗެނަލަށް ކޮންޓެންޓް ހޯދަން މެލޭޝިޔާ ބަޔަކާ ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހިންގާ މުންނާރު ޗެނަލްގެ ކޮންޓެންޓް އިތުރު ކުރުމުގެ ގޮތުން މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި މެލޭޝިއާގެ ގްލޯބަލް މީޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސައީދު ޖުނެއިދެވެ.

ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، މުންނާރު ޗެނަލް ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުުޅިގެން ކުރިއަރުވައި ކޮންޓެންޓް އިތުރު ކުރުމުގެ ގޮތުން ބޭރުގެ ބައެއް ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިއަދު ވެވުނު އެއްބަސްވުމަކީ އޭގެތެރެއިން އެއް ފަރާތާއެކު ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި ވިދާޅުވީ، ގްލޯބަލް މީޑިއާއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން މުންނާރު ޗެނަލް ޕްރޮމޯޓް ކޮށް މުންނާރު ޗެނަލަށް ބޭނުންވާ އސްލާމީ ކޮންޓެންޓް ލިބިގެންދާނެ ކަމަށެވެ.

"އެއްބަސްވުމުގެ ދަށުން ސަލާހުއްދީންގެ ސީރީސްއެއް ލިބިގެންދާނެ، އަންނަ ރޯދަމަހު މުހައްމަދު ރަސޫލުﷲގެ ބަދަލުގައި އެ ސީރީސް ދެއްކުމަށް ވަނީ ހަމަޖެހިފައި، އަދި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް ތައްޔާރު ކޮށްފައިވާ 30 އެޕިސޯޑްގެ ސީރީސްއެއް ވެސް ވަނީ ހިލޭ ހަދިޔާ ކޮށްފައި، އަދި ކާޓޫނާއި އެހެނިހެން ޕްރޮގްރާމް ތައްވެސް އެއްބަސްވުމުގެ ދަށުން މުންނާރު ޗެނަލަށް ލިބިގެންްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޕީއެސްއެމްގެ އެމްޑީ އިބްރާހިމް ހަލީލް ވިދާޅުވީ، ޗެނަލް އެއް އުފެއްދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި މީހުން ޝައުގުވެރި ކޮށް އެއަށް ބޭނުންވާ ކޮންޓެންޓް އުފެއްދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް މުންނާރު ޗެނަލް އެހާ ފުރިހަމަ އަށް ހިނގަނީ އިސްލާމިކް މިނިސްޓްރީން އެ ޗެނަލް ހިނގާ ގޮތް ނުހަނު ގާތުން ބަލައި އެއަށް ބޭނުންވާ ކޮންޓެންޓް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، މުންނާރު ޗެނަލް އިތުރަށް މުއްސަނދި ކުރުމަށް ރާއްޖެއާ ހަމައިން ނިންމާލެވޭކަށް ނެތް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ޕްރޮޑަކްޝަން ހައުސްތައްކުގެ ޕްރޮގްރާމް ތައް ދިވެހީންނަށް ހަމަޔަށް ގެނެސްދީގެން ނޫނީ މުންނާރު ޗެނަލް ބަލާ މީހުން ގިނަވެގެން ނުދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

"މިހާރުވެސް ބައެއް ފަރާތްތަކާއި ގުޅިގެން ބައެއް ޕްރޮގްރާމްތައް ތަރުޖަމާކޮށް އަޑުއަޅައި ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުމުގެ މަސައްކަތް ކުރިއަށް އެބަދޭ، ކުރިއަށް އޮތް ތަނުގައި މުންނާރު ޗެނަލް އިތުރަށް މުއްސަނދި ކުރުން އަމާޒަކީ،" ހަލީލް ވިދާޅުވި އެވެ.

ރަސްމިއްޔާތުަގައި ގްލޯބަލް މީޑިއާގެ ޖެނެރަލް މެނޭޖަރު ސައީދު ވިދާޅުވީ، މީޑިއާ އަކީ ދީން ކުރިއަރުވައި މީހުން ދީނަށް ހޭލުންތެރި ކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ވަސީލަތެެއް، އެހެންވެ ރަނގަޅު އިސްލާމީކް ކޮންޓެންޓާއި އޭގެ ތެރެއިން ހަގީގީ ހާދިސާތައް އެކުލެވޭ ކޮންޓެންޓްތައް ގެނެސްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.