ކިރިތި ގްރުއާންގައިވާ މުއުޖިޒާތްތަކުގެ މައްޗަށް ތައްޔާރު ކުރާ ސީރީޒެއްގެ މަންޒަރު ތަކެއް ރާއްޖޭގައި ނަގަމުންދާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މުންނާރު ޗެނަލްގެ ކޮންޓެންޓް މުއްސަނދި ކުރުމުގެ ގޮތުން މެލޭޝިއާގެ ގްލޯބަލް މީޑިއާއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރަސޫލާގެ ސުންނަތާއި ކީރިތި ގުރުއާނުގަައި ބަޔާން ކޮށްފައިވާ މުއުޖިޒާތްތަކުގެ މައްޗަށް ތައްޔާރު ކުރާ ސީރީޒް އަކީ ގްލޯބަލް މީޑިއާގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ. މިހާރު ކުރަމުންދަނީ ކަނޑުގެ މުއުޖިޒާތްތަކާއި ގުޅޭ ގޮތުން ނަގަން ޖެހޭ މަންޒަރުތައް ނެގުމުގެ މަސައްކަތް ކަމަށާއި އެ ބައިގެ ޝޫޓިން ކުރިއަށްދަނީ ރާއްޖޭގަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ ސީރީޒް އަކީ ރާއްޖެ އުފެދިފައިވާ ގޮތާ ގުޅޭގޮތުން އިސްމާލީ ޝަރީއަތުގައި އައިސްފައިވާ ކަންކަމާ ގުޅޭގޮތުން ޝޫޓް ކުރާ ސީރީޒްއެއް ކަމަށާއި އެ ސީރީޒް އަކީ ރާއްޖޭގައި އެގޮތަށް ޝޫޓް ކުރާ ފުރަތަމަ ސީރީޒް ކަމަށެވެ. އަދި ވިދާޅުވި، އެ ސީރީޒް އަކީ ރާއްޖޭގެ މުސްތަގުބަލަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އޭގެ ސަބަބުން އަރަބި ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ސީރީޒްގެ ކަނޑުގެ މުއުޖިޒާތްތައް ޝޫޓް ކުރުމުގެ މަސައްކަތް، އޭގެ ޝޫޓިން ކުރަމުންދަނީ ރާއްޖޭގައި، މިއީ ރާއްޖެ އުފެދިފައިވާ ގުޅޭގޮތުން އިސްމާލީ ޝަރީއަތުގައި އައިސްފައިވާ ކަންކަމާ ގުޅޭގޮތުން ރާއްޖޭގައި މިގޮތަށް ޝޫޓް ކުރެވެމުންދާ ފުރަތަމަ ސީރީޒް،" މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ގްލޯބަލް މީޑިއާގެ ޖެނެރަލް މެނޭޖަރު ސައީދު ޖުނެއިދު ވިދާޅުވީ، ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް މިހާރު ކުޅެމުންދާ ސީރީޒް އެންމެ ބޮޑު މަގުސަދަކީ އިސްލާމްދީނުގެ ކަންކަން މީސްތަކުންނަށް އަންގައިދީ ރަސޫލާ ހިންގެވި މަގުން މުސްލިމުން ހިނގުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.