ހަބަރު

ސިޓީ ކައުންސިލް ފާސްކުރަން އަމުރު ނެރުނީ އެކަށީގެންވާ މިންވަރަށް ހެކި ހުރެގެން: ހައި ކޯޓު

Apr 28, 2015

މާލޭ ސިޓީ ކައުންސިލްގެ މައި އިދާރާ ބަލައި ފާސްކުރަން މިދިޔަ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ އެކަށީގެންވާ ހެކި ހުރެގެން ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެގޮތަށް ނިންމީ ކޮރަޕްޝަންގެ ތުހުމަތެއްގައި މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ހުށަހެޅިތާ ތިން މަސް ފަހުން ހައި ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ކޯޓު އަމުރަށް އެދުނުއިރު ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ސިޓީއަށް ބަލާއިރު އެތަން ފާސްކުރަން އަމުރު ނެރޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ އަމުރަށް އެދުމުގައި އަމަލުކުރަންޖެހޭ ހުރިހާ އިޖްރައާތުތަކެއް ފުލުހުން ފުރިހަމަކޮށްފައިވާ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.

ފުލުހުން އެތަނަށް ވަދެފައިވަނީ އެތަނުގެ މުވައްޒަފުންތަކެއް އެތަނުގެ ޚާއްސަ ލިޔުންތަކެއް ނާޖާއިޒް ފައިދާ ހޯދަން ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެތަން ފާސްކުރުމަށް ފަހު ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ.