ހަބަރު

އަސްތާ، ޕީޕީއެމުގައި "އުދުހޭ" ފަލާހު ގެއްލިއްޖެ!

Nov 13, 2017
10

ފަހަކަށް އައިސް ޕީޕީއެމުންގެ ގަދަ އަޑަކަށް ވެފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އަދި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރެވެ. ފަހަކަށް އައިސް ޕީޕީއެމްގެ ތެރެއި ނެގި ބޮޑެތި ރާޅުތަކުގައި ކޮނޑު ވިއްދައިގެން ހުންނަވައި ގަދަ އަޑުން އަންބާ ކިޔުއްވި މާ ވަޑިޔާއަކީ ވެސް ފަލާހެވެ. ޕީޕީއެމަށް ފަހަކަށް އައި އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި ފަލާހުގެ ވަރުގަދަ އަނގަ މޮޅަށް ބޭނުން ކުރެއްވުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީނާ އެންމެ ގާތުގައި ވަރަށް ގިނަ ފަހަރަށް ހުންނަވަނީވެސް ފަލާހެވެ. އަދި ފަސްޓްލޭޑީ، މެޑަމް ފާތުމަތު އިބްރާހިމްގެ ނުހުއްޓި ހިނގަހިނގާ އޮންނަ ހަރަކާތްތަކުގައި ވެސް އޮންނަނީ ފަލާހުގެ މާވަޑި ކަމެކެވެ. އެކަމަކު ކުއްލިއަކަށް ވީ ގޮތެއް ނޭނގެ އެވެ. މި މަސް ފެށުމާއެކު ޕީޕީއެމުން ކައިރި ކައިރީގައި އިންތިޒާމްކޮށް ކުރިޔަށް ގެންދާ ގިނަ ހަރަކާތްތަކާއި ކުރީ ސަފުން ފަލާހު ގެއްލިއްޖެ އެވެ. ވަރަށް ގިނަ ފަހަރަށް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި އިއްވަމުން އައި ވަރުގަދަ އެ އަޑުވެސް ކަނޑައިގެން ހިނގައްޖެ އެވެ.

ޕީޕީއެމްގެ ވަރަށް ގިނަ ހަރަކާތްތަކެއް ބާރަށް ކުރިޔަށް އެބަދެއެވެ. އެ ހަރަކާތްތަކަށް ފަލާހު ވަރަށް ފިޓެވެ. އެކަމަކު އެތަންތަނުން އޭނާއެއް ނުފެނެ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ބޮޑު ދެ ޖަލްސާ، "އަސްތާ" އާއި ރޭ އުތުރުގެ ކުޅުދުއްފުށީގައި ބޭއްވި "އުދުހޭ" ޖަލްސާއަކުން ވެސް ފަލާހެއް ނުފެނުނެވެ.

ޕީޕީއެމްގެ ހަރާކާތްތަކުން ފަލާހު "ގެއްލިފައި"ވާތީ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވީ ހެއްޔެވެ؟ ނޫނީ ފަލާހް ވެސް ޕީޕީއެމް ދޫކޮށް ނައްޓާލަނީ ހެއްޔެވެ؟

މި މަހުގެ ތިން ވަނަ ދުވަހު އެންމެ ބޮޑަށް ފެތުރިގެންދިޔަ ވާހަކަތަކަކީ ޕީޕީއެމްގެ ވައިބާ ގްރޫޕްގެ ތެރެއިން އާންމުންގެ ތެރެއަށް ފުންމާލި ޗެޓް ލޮގެއްގައި ހުރި ވާހަކަތަކެކެވެ. އެއީ ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަތަކެއްގެ ވާހަކަ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އާންމު ކުރުމުން އެކަމާ ގުޅިގެން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ތެރޭ ހައިޖާނެއް އުފެއްދި މެންބަރުންގެ ތުހުމަތުގެ އިނގިލިތައް އެކަކު އަނެކަކަށް ދިއްކޮށް ބަހުގެ ހަމަލާތަކެއް އަމާޒުވެގެން ދިޔަ ޗެޓްލޮގް ތަކެކެވެ.

ޕީޕީއެމް ޕީޖީ ގްރޫޕް ތެރޭގައި ހައިޖާން އުފެދިގެން ދިޔައީ އެމްޑީޕީގެ އެކްޓިވިސްޓަކު ކުރި ޓްވީޓެއްގައި "ހެލްތު ސެންޓަރުތަކަަށް މެޝިންތަކަކާއި ކެމިކަލްތަކެއް ގެނައުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާހާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުﷲ ހަލީލު ކޮރަޕްޝަން ހިނގަވާފައިވާ" ކަމަށް ތުހުމަތު ކުރުމުންނެވެ.

އެކަމާއި ގުޅިގެން ހިނގި ހައިޖާނުގައި ލީކްވި ވައިބާ ގްރޫޕް ޗެޓްލޮގް ތަކުގައި ފަލާހް ވިދާޅުވީ، ތޮއްޔިބު އެ ވާހަކަ އާންމު ކުރުމުގެ ކުރިން ޕީޕީއެމްގެ އެތެރޭގައި ބަޔަކު އެވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑަޝިޕަށް އަމާޒުކޮށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ހުރިހާ މަގާމެއްގައި ތިއްބެވީ ވޯޓުލައިގެން ހޮވިފައި ތިއްބެވި ބޭފުޅުންތޯ ވެސް ސުވާލުކޮށްލަން ޖެހޭ ކަަމަށެވެ. ދެން ވެސް އެހެން ބޭފުޅަކު ރައްދެއް ނުދެއްވަނީސް ފަލާހު ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވަން ވެސް ކެރިވަޑައިިގެން ހުންނެވި ކަމަށެވެ.

"އަހަރުންތަ މި ވައްކަން ކުރަނީ؟،" ފަލާހު ވިދާޅުވެފައި ވެއެވެ. "... އަޅުގަނޑުމެންނަށް ކެރިދާނެ އިސްތިއުފާ ދޭން ވެސް. ޖެހިލުމެއް ނުވޭ،"

ފަލާހު ގެއްލިފައި ވަނީ އެ ހައިޖާނަށްފަހު އެވެ. ރޭ ކުޅުދުއްފުށީގައި ބޭއްވި ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަދިވެސް ޕާޓީން މެންބަރުންތަކެއް ވަކިވެގެން ހިނގައިދާނެ ކަމަށެވެ. ރައީސްގެ އެ ވާހަކަގައި ވަކި މެންބަރުންތަކެއްގެ ނަން ނުހިމެނުއްވި ކަމުގައިވީ ނަމަވެސް ކުރީ ސަފުން ގެއްލުނު ފަލާހު އޭގައި ހިމެނިދާނެ ކަމަށް ބައެއް މީހުން ސިފަ ކުރެއެވެ. މި ކަމާ ގުޅިގެން ފަލާހުގެ ބަހަށް ހޯދަން ގުޅި އިރު ފޯނު ވަނީ ނިއްވާލާފަ އެވެ.

"ދެން ވެސް އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެންގެ މެންބަރުން ކޮޅެއް ވަކިވެގެން ދިޔުން، އެ އިމްތިހާނު ވެސް އަޅުގަނޑު ތަޖުރިބާ ކުރާނެ ކަންނޭނގެ، އަދި ހަމައެއާއެކު އަޅުގަނޑު އިންތިޒާރުކުރަން އުއްމީދެއް ނުކުރަން އިންތިޒާރުކުރަން އަނެއްކާވެސް އަޅުގަނޑު ފުރާނައަށް ނުރައްކާވާ ހަމަލާ ދޭނެ ކަންނޭނގެ،" ރައީސް ވިދާޅުވި އެވެ.