ހަބަރު

އޭއެމްއާރް އެކްޝަން ޕްލޭން އިތްފިތާހު ކޮށްފި

އެންޓިމައިކްރޯބިއަލްސް ރެސިސްޓެންސް (އޭއެމްއާރް) ނުވަތަ އެންޓި ބިއޯޓިކްސްގެ ބާރު ކަނޑުވާލާ ބެކްޓީރިއާއިން ސަލާމަތް ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި މިއަދު އިފްތިތާހު ކޮށްފި އެވެ.

ހޮޓެލް ޖެން ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓެއިންމެންޓް އޮފް އޭއެމްއާރް 2017 އިން 2022 އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވީ ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމާއި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރު އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އޭއެމްއާރް އަކީ 21 ވަނަ ގަރުނާގައި ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި ދުނިޔޭގެ ފެންވަރުގައި ތަފާތު ބޮޑު ފިޔަވަޅުތައް މިހާރުވެސް އެކަމަށް އަޅަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ، އެހެން ގައުމުތަކުގެ ސިއްހީ ބަދަލުތައް ރާއްޖެއަށް ވެސް އަސަރު ކުރާ ކަމަށާއި އެކަން މުޖުތަމައުން ފެނިގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޭއެމްއާރް ހުއްޓުވުމަށް ސިއްހީ ދާއިރާގެ އިތުރަށް އެހެނިހެން ދާއިރާ ތަކުންވެސް ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި އެ ކަމަކީ ބޮޑު މައްސަލައެއް ކަމާށާއި އެ މައްސަލަ ކަންކަން ރައްޔިތުންނަށް އެނގިފަ އޮތުމަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ.

"މި މައްސަލަ އަކީ ބޮޑު މައްސަލައެއް، މި މައްސަލަ ފެތުރިގެން އަންނަ ކަމާއި އެ މައްސަަލައިގެ ކަންކަން ރައްޔިތުންނަށް އެނގިފައި އޮތުން މުހިންމު، ހެލްތް ދާއިރާގެ ބޭފުޅުންގެ ޒިންމާ އަކީ ރައްޔިތުންނަށް މިކަން އަންގާ ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އިފްތިތާހު ކުރި އޭއެމްއާރް އެކްޝަން ޕްލޭނަކީ އެންޓި ބައޯޓިކްސް ވީކާ ގުޅުވައިގެން އިފްތިތާހު ކުރި ޕްލޭނެކެވެ. އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހް ކޮށްފައިވަނީ 2015 ވަނަ އަހަރު ޑަބްލިއުއެޗްއޯގެ ހެލްތް ސަމިޓްގައި އެވެ. އޭގައި އެންމެ ފުރަތަމަ ސޮއި ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.