ހަބަރު

ދިވެހި ހިއްސާގެ ބާޒާރަށް އާ ސީއީއޯއެއް

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކުންފުނީގެ ސީއީއޯގެ މަގާމަށް އައުޝަން ލަތީފް އެކުންފުނީގެ ބޯޑުން އައްޔަންކޮށްފި އެވެ.

އެކަމާ ގުޅިގެން އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އައުޝަން ލަތީފް ސީއީއޯގެ މަގާމަށް އައްޔަންކުރީ މިދިޔަ މަހު 18 ވަނަ ދުވަހު އެ މަގާމަށް އިއުލާން ކޮށް ހޮވާލެވުނު ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު ކަމަށެވެ.

ބަޔާނުގައި ވަނީ، އައުޝަން ލަތީފަކީ 2016 ވަނަ އަހަރު އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީން މާސްޓަ އޮފް ފައިނޭންސް އިން މަތީ ތަޢުލީމް ހާސިލްކޮށް އޮސްޓްރޭލިޔާގެ ފައިނޭންސް ދާއިރާގެ ކުންފުނިތަކުގައި މަސައްކަތްކޮށް އެދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފަރާތެއް ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާއެކު ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތަށް މި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ ވަސީލަތްތައް ފުޅާކޮށް ތަރައްގީކުރުން. އަދި ރާއްޖޭގައި ކުރިއަރަމުންދާ އެކިދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތައް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް ބާރުއެޅުމާއި ސްޓޮކް އެކްސްޗޭންޖްގައި ޓްރޭޑްކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތައް އިތުރަށް ފުޅާކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން“ އައުޝަން ވިދާޅުވި އެވެ.

އައުޝަން ލަތީފް ސީއީއޯގެ މަގާމަށް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން މަނިކު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދިނީ މިދިޔަ އޮގަސްޓް މަހު ތެރޭގައި އެވެ.

ސްޓޮކް އެކްސްޗޭންޖްގެ އެންމެ ބޮޑު އެއް އަމާޒެއްގެ ގޮތުގައި އެ ކުންފުނިން ކަނޑައަޅާފައިވަނީ ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ޒަރީއާ އިން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ގުޅުވާލައި ކެޕިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް ފަހިކޮށްދިނުމެވެ. އެގޮތުން މިއަހަރު ތެރޭގައި ސެކިއުރީޓސް ޑިޕޮސިޓަރީން ތައާރަފުކުރި ”އިންފިނިޓީ“ ޕޯޓަލްއިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުންފުނިން ދަނީ ކުރަމުންނެވެ. އަދި އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް މިވަގުތު މާކެޓްގައި ކުރިއަށްދާ އެމްޓީސީސީގެ ރައިޓްސް އިޝޫއަށް ސަބްސްކްރައިބްކުރުމުގެ ހިދުމަތްވެސް މިހާރު އެ ކުންފުނިން ފޯރުކޮށްދެމުން ދެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު ސީއެމްޑީއޭ އިން ލައިސަންސްދީފައިވާ ދެފުށް ފެންނަ އުސޫލުން ކުންފުނިތަކަށާއި އާންމުންނަށް ހިއްސާގެ ބާޒާރުގެ ހިދުމަތްފޯރުކޮށްދޭ ކުންފުންޏެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިހާތަނަށް ނުވަ ކުންފުންޏެއް ވަނީ ލިސްޓުކޮށްފައެވެ.