ހަބަރު

ނަޝީދު 2.8 މިލިއަން ޕައުންޑަށް ޔޫކޭއިން ގެއެއް ބައްލަވައިގެންފި

Nov 14, 2017
18

ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އިނގިރޭސިވިލާތުގެ މުހިންމު ސަރަހައްދައްކުން 2.8 މިލިއަން ޕައުންޑަށް (57 މިލިއަން ރުފިޔާ) އަށް ގެއެއް ބައްލަވައިގެންފި އެވެ.

ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް ވެސް ހަމަޖައްސަވާފައިވާ، ކާނަލް މިއަދު "އަވަސް" އަށް ވިދާޅުވީ މިދިޔަ ހަފުތާ ތެރޭގައި ވެސްޓް ލަންޑަންއިން އޭނާ ގެއެއް ބައްލަވައިގެންފައިވާ ކަމަށާއި އެ ގެ ބައްލަވައިގެންނެވީ އޭނާގެ ރިސޯޓް ހިއްސާއިން ލިބުނު ފައިދާއިން ކަމަށެވެ. އަދި އެއީ އޭނާ ސިއްރުން ކުރެއްވި މުއާމަލާތެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ބޭރުގެ ގައުމަކުން އޭނާ ފްލެޓެއް ބައްލަވައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި ދައުލަތުގެ ފައިސާ ބެލެހެއްޓުން، ނޫނީ ނާޖާއިޒު ފައިދާތަކެއް ހޯދޭނެ ފަދަ ދައުލަތުގެ މަގާމެއްގައި ހުރި މީހެއް ނޫން. އަޅުގަނޑަކީ ރިސޯޓެއްގެ ހިއްސާ އޮވެ އޭގެ ފައިދާ ލިބޭ މީހެއް. އެ ފައިދާއިން އަޅުގަނޑު ގެއެއް ގަނެފައި އެ ވަނީ. މިއީ ޔޫކޭގައި ރިއަލް އެސްޓޭޓް އަގުތަކަށް ވުރެ ދަށް އަގެއްގައި ގަތް ތަނެއް،" ކާނަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގެއެއް ގަތުމަކީ މައްސަލައެއް އޮތް ކަމެއް ކަމަށް އޭނާ ދެކިވަޑައި ނުގަންނަވާ ކަމަށާއި އެކަމާ މެދު މީހަކު ޝައްކު ކުރާނެ ޖާގައެއް އޮތް ކަމަށް ވެސް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ކާނަލް ވިދާޅުވި ގޮތުގައި އޭނާއަކީ އެވަރުގެ ތަނަވަސްކަން ހުރި މީހެއް ކަމަށް ވާ ނަމަ އެފަދަ ހޭދައެއް ކުރުން މައްސަލައެއް ނެތް ކަމަށެވެ.

"މަޖިލީހުގެ މެންބަރަކަށް ހުރިއިރުވެސް ބަރާބަރަށް އަޅުގަނޑު ހުންނާނީ މާލީ ބަޔާން ހުށަހަޅާފައި. އޭގައި އަޅުގަނޑުގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދުތައް ހުންނާނެ. އެ ފައިސާ ލިބުނު ގޮތްވެސް ހުންނާނެ. އެހެން ވެއްޖިއްޔާ އަޅުގަނޑަކީ މިވަރުގެ ހޭދައެއް ނުކުރެވޭނެ މީހެއް،" ކާނަލް ވިދާޅުވި އެވެ. ގެއެއް ގަތުމުން އެކަމާ މެދު ބަޔަކު ޝައްކު އުފައްދާ ނަމަ އުފައްދާނީ ހަސަދަވެރިވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާނަލްގެ ހިއްސާއެއް އޮންނަނީ ޅ. ކަނިފުށީގައި އެޓްމޮސްފިއާ ބްރޭންޑުން ހިންގާ ރިސޯޓްގަ އެވެ. ކާނަލް ގެ ބައްލަވައިގެން ވެސްޓް ލަންޑަންއަކީ އެ ސިޓީގެ މުހިންމު ސަރަހައްދެކެވެ. ކާނަލް ނަޝީދު ތައިލެންޑް ސަފީރު ކަމަށް ހަމަޖައްސަވާފައި ހުރި ނަމަވެސް އޭނާގެ ޒިންމާތައް އަދި އުފުއްލަވަން ނުފައްޓަވަ އެވެ.