ރެކޯޑް ލެވެލް އަކަށް މިއަހަރު ދަރަނި ދައްކާފައިވާ ކަމަށާއި އެގޮތުން ދަރަނީގެ ގޮތުގައި މިއަހަރު ހަތަރު ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީއަށް މިނިސްޓަރު މިއަދު ހާޒިރު ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ސަރުކާރުން ހަމައެކަނި ދަރަނި ނަގަމުން ދަނީ ނޫން ކަމަށާއި ކުރީގެ ސަރުކާރު ތަކުން ނަގައި ދައްކަން ޖެހިފައިވާ ދަރަނި ވެސް ދައްކަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަކީ އިގްތިސާދީ ތަސައްވުރެ އޮތް ސަރުކާރެއް ކަމަށާއި ސަރުކާރުން ދަރަނި ނަގަނީ އެ ދަރަނި ދެއްކޭނެ ކަމުގެ ގާބިލް ކަމާއި ޔަގީންކަން އޮތުމުން ހުރުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ހަރަދު ފޫބެއްދުމަށް އިންޓަނޭޝަނަލް މާކެޓަށް ނުކުތުމެ ބޮންޑް ވިއްކުމުގެ ސަބަބުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ތަކަށް ހަރަދު ކުރަން ރާއްޖޭގެ މާލީ އިދާރާތަކުގައި ހުންނަ ފައިސާ އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި ވިއްކި އިންޓަނޭޝަނަލް ބޮންޑުން ލިބުނު އާމްދަނީގެ ބޮޑު ބައެއް އިންވެސްޓް ކުރީ ދަރުމަވަންޓް ހޮސްޕިޓަލް އަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރެކޯޑް ލެވެލް އަކަށް، ހަތަރު ބިލިއަން ރުފިޔާގެ ދަރަނި މިވަނީ އަދާ ކޮށްފައި، ދަރަނި ހަމައެކަނި މި ސަރުކާރުން ނަގަނީއެއްވެސް ނޫން، އެހެން ސަރުކާރު ތަކުގެ ދަރަނި އަދާ ކުރަމުންވެސް މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އިންޓަނޭޝަނަލް މާކެޓަށް ނުގޮސްފި ނަމަ ފޮރިން އެކްސްޗޭންޖް މާކެޓަށް މައްސަލަ ޖެހޭނެ، 90 ޕަސެންޓް ޕްރޮޖެކްޓްސް ތަކަކީ ބޭރުގެ އިމްޕޯޓްސްތަކަށް ބަރޯސާވެގެން ކުރިއަށްދާ ޕްރޮޖެކްޓްސްތައް،"
މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ދަރަންޏަށް އިތުރު 15 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ. ދަރަނި އިތުރު ވެފައިވަނީ ޕަބްލިކް ސެކްޓާ އިންވެސްޓް މަންޓްތަކަށާއި ކުރިއަރުވަން ޖެހިފައި ހުރި ދާއިރާތަކަށް އެހެން ސަރުކާރުން ނުކުރާ ވަރަށް ހަރަދުތައް އިތުރުކޮށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތަރައްގީ ގެންނަން ކުރަން ޖެހޭ ހަރަދުތައް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވޭތުވެދިޔަ ސަރުކާރުތަކުން ޕަބްލިކް ސެކްޓާއަށް ނެތް ނުވަ މިލިއަން ވެސް ހަރަދު ކޮށްފަ އެއް. މިސަރުކާރުން މިވަނީ އޭގެ ޑަބަލް ހަރަދު ކޮށްފަ، އަދިވެސް އިތުރަށް ކުރާނަން، މިކަން ކަމުގެ ސަބަބުން ދަރަނި އިތުރުވެގެން ދިޔައީ، ތަރައްގީ ގެންނަވާނަމަ ހަރަދުތަކެއް ހިންގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށާއި އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ދަރަނި އިތުރުވުން ކަމަށެވެ. އެގޮތުން އެކަން ހައްލު ކުރުމުގެ ގޮތުން ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ދަރަނީގެ މުއްދަތު އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ސިޔާސަތު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވޭތުވެދިޔަ ސަރުކާރުތަކުން ސެންޓްރަލް ބޭންކުން ލޯން ނަގާފައިވޭ، އެކަމުގެ ސަބަބުން ވަރަށް ގިނަ ހުރަސް ތަކާ ކުރިމަތިވޭ، ސެންޓްރަލް ބޭނުްކުން ލޯން ނެގުމަކީ އިންފްލޭޝަން އަށްވެސް، ރިޒާވް އަށް ވެސް ވަރަށް ބޮޑެތި އަސަރު ތަކެއް ކުރާ ކަމެއް، ނަމަވެސް މި ސަރުކާރުން ސެންޓްރަލް ބޭންކްގެ ދޮރުގައި ޓަކި ޖަހާފައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖީއެސްޓީ އަދި ބީޕީޓީގެ އިސްލާހުތަކަށް އަންނަ ބަދަލު ތަކުގެ ސަބަބުން އަންނަ އަހަރުގެ އާންމުދަނީއަށް 700 މިލިއަނެއްހާ ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ކަރަންޓް އެކައުންޑް ޑެފިސިޓްވުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަން ހައްލު ކުރުމަށް ފޮރިން އިންވެސްޓްމެންޓްސް ވޭތުވެދިޔަ ހަތަރު އަހަރު ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން ދެއްވާ ކޮންމެ ސަވަރިން ގެރެެންޓީ އަކީ އެވަލުއޭޝަން ހަދާފައި އަދި ސަރުކާރަށް ދެއްކެނެ ކަމުގެ ގާބިލް ކަން ހުރެ ދޭ ސަވަރިން އެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މިއަހަރު ނިމުމުގެ ކުރިން ދަރަނި މެނޭޖް ކުރުމަށް ކުރާ ތަސައްވުރުތައް މަޖިލީހަށް ހުށަހަޅާނަން،"
ވޭތުވެ ދިޔަ ހަތަރު އަހަރު ދައުލަތުގެ ޖުމްލަ ދަރަންޏަށް 15 ބިލިއަން ރުފިޔާ އިތުރުވެ ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ. ގައުމީ އުފެއްދުންތެރިކަން، ނޫނީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ވަނީ 61 ޕަސެންޓަށް އަރާފަ އެވެ.