ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ހިންގަމުންދާ ކަމަށާއި އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވިފައިވަނީ އިދިކޮޅު ފަރާތްތަކުން ދޭން ޖެހޭ އެއްބާރުލުން ނުދިނުމުން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މިއަދު މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާއިރު ފެނިގެންދަނީ އެކަމަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ޕްރޮޖެކްޓްތަކަށް ހުރަސް އަޅަމުންދާ މަންޒަރު ކަމަށެވެ. އަދި މި ސަރުކާރުން އިންޓަނޭޝަނަލް މާކެޓަށް ބޮންޑް ވިއްކަން ނިކުތުމުން ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުން ރާއްޖެ ބަދުނާމުވާ ގޮތަށް ދޮގު މައުލޫމާތު ބޭރުގެ ފަރާތްތަކުން ދެމުންދާ ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް ހިންގަން ހުރި ޕްރޮޖެކްޓްތަކަށް ހުރަސް އެޅެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހުއްޓުވުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، ޕްރޮޖެކްޓްތަކަކީ ވަކި ޕައިޕްލައިނެއްގެ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށާއި ނަމަވެސް އެކަންކަމަށް ހުރަސް އެޅުމުގެ ގޮތުން ބައެއް އިދިކޮޅު ފަރާތްތަކުން އެކަން ހުއްޓުވުމަށް ދޮގު މައުލޫމާތު ދެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން އިތުރު ލޯނު އެހީ ހޯދަން ދަތިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާއިރު މިހާރުވެސް ފެނިގެން މިދަނީ އަޅުގަނޑުމެންނަށް ސަޕޯޓް ކުރުމުގެ ބަދަލުގައި ހުރަސް އަޅާ ދަތި އަޅުވާ ވައްޓާލަން އުޅޭތަން، ޕްރޮޖެކްޓްތައް ހިންގާއިރު ވަރަށް ގިނަ ދަތިތަކާ ކުރިމަތިވޭ، ބައެއް ޕްރޮޖެކްޓްތައް ނިމިނިމި އޮއްވަ ބައެއް ފަރާތްތަކުގެ ރައްޓެހިން ލައްވާ ޕްރެޝާ ކޮށްގެން ހޯލްޑްކުރޭ، ރައްޔިތުންނަށް ހިދުމަތްދޭން އުޅޭއިރު ސަރުކާރުން ކަމެއް ކޮށްފާނެތީ، ވޯޓްތަކެއް ގެއްލިދާނެތީ، ފެނިގެން މިދަނީ ޕްރޮޖެކްޓްތައް ހުއްޓުވަމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރަމުންދާތަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބަޖެޓަށް ބޭނުންވާ އާ ހިޔާލުތައް ދެއްވާ ބަޖެޓް ފާސްކޮށްދިނުން މުހިންމު ކަމަށާއި ރައްޔިތުންގެ ތަރައްގީއަށް ހުރި ޕްރޮޖެކްޓްތަކަށް އިދިކޮޅުން އާނއެކޭ ބުނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ލިބޭ އާންމުދަނީ އިން މި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޕްރޮޖެކްޓްތައް ހިންގަމުންދާ ކަމަށާއި ރައީސް އަބުދުﷲ ޔާމީންގެ ބޭނުންފުޅު ވަނީ ހުރިހާ ސަރަހައްދެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ވަސީލައްތައް ފޯރުކޮށްދިނުން ކަމަށެވެ.
"ރަށްރަށުގައި ހިންގާ ބައެއް ޕްރޮޖެކްޓްތައް ހުއްޓުވަމަށްޓަކައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު ވެސް ބައެއް ކައުންސިލްތަކުން ގުޑާވެސް ނުލާ، ކިހިނެއްތޯ އަޅުގަނޑުމެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 28 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓާމެދު އިދިކޮޅު މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ބައެއް ދާއިރާތަކަށް އެކަށީގެންވާ މަޝްރޫއުތައް ހިމަނާފައިނުވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ދަރަނި ބޮޑުވުމަކީ ވެސް އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާ ކަމެކެވެ. އިދިކޮޅު މެންބަރުން ބަޖެޓް ބަހުސްގައި ވެސް ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް ކުނޫޒުގައި އެ މެންބަރުން ވަނީ ބަޖެޓާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދައްކަވާފަ އެވެ.
ތަޅުމުގެ ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ބައިވެރިވަޑައިނުގަންނަވަނީ އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވާ ބާއްވާ ޖަލްސާތަކަކީ ސައްހަ ނޫން ޖަލްސާތަކެއް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެ މެންބަރުން ގެންދަވަނީ ކޮމެޓީގައި މަސައްކަތްތައް ކުރައްވަމުންނެވެ. އެ މެންބަރުން ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށް ނުބެލެވެ އެވެ.