އަލްޝާލީ މެރިން މޯލްޑިވްސް އާއި ވީއޭއެމްކޯއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލްޝާލީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުބައިރު އާދަމެވެ.
ރަސްމިއްޔާތުގައި އިސްމާއިލް ޝަރީފް ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމަކީ އަލްޝާލީ މެރިންގެ އައިލޭޑް ހޮޕާ 50 ގެ ދޯނީގައި ޑޫސަން ޑައިވޫގެ އިންޖީނުތައް އަޅައި އެއް ޕެކޭޖެއްގެ ގޮތުގައި މާކެޓަށް ނެރުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މިހާރު މާކެޓްގައި ހުރި އެހެން ދޯނި ތަކަށްވުރެ އަގުހެޔޮކޮށް މި ޕްރޮޑަކްޓް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، މި ދެ ޕްރޮޑަކްޓަކީ ރާއްޖޭގެ މާކެޓްގައި މިވަގުތު ހުރި އެންމެ މަގުބޫލު އެންމެ ރަނގަޅު ކޮލިޓީގެ ދެ ޕްރޮޑަކްޓްސް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އިންޑަސްޓްރީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
އަލްޝާލީ މެރިންގެ އައިލޭޑް ހޮޕާ 50 އަކީ ބެސްޓް ޕްރޮޑަކްޝަން ވެސަލްސްގެ އެވޯޑް ލިބިފައިވާ ދޯންޏެކެވެ. އަދި ވީއޭއެމްކޯގެ ޑޫސެންޑައިވޫ އަކީ ބޯޓިން އެވޯޑްގައި އެންމެ މަގުބޫލު އިންޖީނުގެ ގޮތުގައި ހޮވިފައިވާ އިންޖީނެވެ.