ހަބަރު

އެކްސިޑެންޓްގައި އަނިޔާވި ދެމީހުން މާލެ ގެންނަނީ

ފުވައްމުލަކު ސިޓީގައި މިރޭ ސައިކަލްތަކެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެމީހުން މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ، ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކްސިޑެންޓްގައި ސީރިއަސް އަނިޔާތައް ލިބިފައި ވަނީ 19 އަހަރުގެ ކުއްޖަކަށާއި 16 ކުޑަ ފިރިހެން ކުއްޖަކަށެވެ. އެދެ މީހުންގެ ފައި ބިންދައިގެން ދިއުމުގެ އިތުރަށް ވެސް ބޮޑެތި ޒަހަމްތައް ލިބިފައި ވެއެވެ.

މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކުޑަ ކުއްޖަކު ވަނީ މަރުވެފަ އެވެ. އެކްސިޑެންޓްގައި މަރުވެފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ އެކްސިޑެންޓް ހިނގީ ފުވައްމުލަކު ލިންކް ރޯޑް، ނުވަތަ ތާރު އެޅި މަގުން އެއާޕޯޓް ސަރަހައްދުގައި މިރޭ 7:00 އެހާކަންހާއިރު އެވެ.

އެ އެކްސިޑެންޓް މެދުވެރިވެގެން އައީ އެކީގައި ދުއްވާފައި ދިޔަ ތިން ސައިކަލްގެ ތެރެއިން އެއް ސައިކަލް ކޮންޓްރޯލް ނުވެ ކައްސާލައިގެން ދިއުމުގެ ސަބަބުންނެވެ.