ހަބަރު

ތޮއްޔިބުގެ ފޯނު ހިފެހެއްޓީ ގަނޫނާ ހިލާފަށް: އެމްޑީޕީ

ކޯޓް އަމުރެއްގެ ދަށުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ މޯބައިލް ފޯނާއި، ލެޕްޓޮޕާއި، މެމޮރީ ކާޑުތަކާއި އަދިވެސް އެހެނިހެން ތަކެތި ހިފެހެއްޓުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ތޮއްޔިބު ބޭނުންކުރާ ނަމްބަރުތަކާއި އެ ނަމްބަރުތަކުގެ ކޯޑްތަކާއި އޭނާ ބޭނުންކުރާ ނަމްބަރުތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކާއި ލެޕްޓޮޕް އަދި ޓެބްލެޓް ފަދަ ތަކެތިން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކެއް ހޯދާ ގޮތަށް މި މަހުގެ 11 ވަނަ ދުވަހު ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާ މެދު ހަގީގަތާ ހިލާފު ވާހަކަތައް އޭނާގެ ޓްވިޓާ މެދުވެރިކޮށް ހާމަކުރަމުން އަންނާތީ އެ މައުލޫމާތުތައް އޭނާއަށް ދޭ ބަޔަކު ހޯދުމަށް ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގާނޫނު އަަސާސީގައި ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިދީފައިވާކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ލިބިދީފައިވާކަމަށެވެ. އެގޮތުން މައުލޫމާތު ހާމަ ކުރާ މީހެއްގެ މައުލޫމާތު ހޯދުމަށް ދައުލަތުގެ އެއްވެސް ފަރާތަކުން މަޖުބޫރުނުކުރެވޭނެ ކަމަށްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ތޮއްޔިބު ހާމަ ކުރަމުންދާ މައުލޫމާތުތައް އޭނާއަށް ފޯރުކޮށްދޭ ބަޔަކު ބެލުމަށް މަޖުބޫރުކުރުމަކީ ފުލުހުން އޭނާއަށް ފުރައްސާރަކުރުން ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ދައުލަތުގެ ކޮރަޕްޝަނާއި ވެރިން ހިންގާ ގާނޫނާ ހިލާފް ކަންކަމުގައި ބައިވެރިވާކަން އާންމު ރައްޔިތުންނަށް ހާމަކޮށްދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށާއި އެހެންކަމުން މައުލޫމާތު ދޭ މީހުން ހޯދައި ބިރުދެއްކުމަކީ ނާތަހުޒީބު، ހުދުމުހުތާރު ވެރިކަމުގެ ސިފަތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ވެރިން ހިންގާ ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅައި ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމަކީ ރާއްޖެއަށް ހުތުރުނަން ލިބެމުންދާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ، ގައުމު ހަލަބޮލިވެ، ކުށްކުރުން އިތުރުވެ، މަގުމައްޗާއި ގޯތިގެދޮރުގައި ރައްކާތެރިކަން ގެއްލިފައިވާއިރު ފުލުހުންނާއި ސިފައިންގެ ވަގުތު ސިޔާސީ ބޭނުންތަކުގަައި ހޭދަކުރާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ ކަންކަމުން މުވައްސަސާތައް ދުރުވުމަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.

ތޮއްޔިބު މީގެ ކުރިން ޓްވިޓާގައި އާންމު ކުރި މައުލޫމާތުތަކަކާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށް ތަހުގީގެއް ވެސް ހިންގައިފަ އެވެ. ތޮއްޔިބަކީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށްވާ އިރު އޭނާ އަންނަނީ ސަަރުކާރަށް ތުހުމަތުވާ ކޮރަޕްޝަންގެ އަމަލުތައް ހާމަކުރުމުގެ އިތުރަށް އެހެން ވެސް ގޮތްގޮތުން ސަރުކާރަށް އެކި ކަންކަމުގައި ޓްވިޓާގައި ފާޑުކިޔަމުން އެވެ.