ހަބަރު

މޯލްޑިވިއަން ސީޕްލޭންގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދައިފި!

  • އިނގިރޭސި ދެ ޓޫރިސްޓުންގެ ތުހުމަތުތައް މޯލްޑިވިއަން ދޮގުކުރި
  • އެމަޖެންސީ ދޮރު ލަގަޖްތަކުން ބަންދުވެފައިވާ ކަމަށް ބުނި
  • ލައިފްޖެކެޓް ހަމަޔަށް ނެތް ކަމަށް އެމީހުން ބުނޭ

ދ. އަތޮޅު ދޫރެސް އައިލެންޑް ރިސޯޓް ކައިރިއަށް މިދިޔަ ހަފްތާ ވެއްޓުނު މޯލްޑިވިއަންގެ ސީޕްލޭންގައި އެ ވަގުތު ދަތުރު ކުރި އިނގިރޭސި ދެ ޓޫރިސްޓަކު އެ ބޯޓުގެ ސަލާމަތީ ކަންތައްތަކާ މެދު ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

އިނގިރޭސިވިލާތުގެ 'ދަ ސަން' ނަމަކަށް ކިޔާ ޓެބްލޮއިޑް ނޫހަށް އެދެމީހުން ދިން އިންޓަވިއުގައި ތުހުމަތުކޮށްފައި ވަނީ ބޯޓު ވެއްޓުމުން މީހުން ސަލާމަތް ކުރަން ނޫޅެ، ދެ ޕައިލޮޓުން ބޯޓުން ނުކުމެގެން ފަތާފައި އެއްގަމަށް ދިޔަ ކަމަށެވެ. އަދި ބުނެފައި ވަނީ ބޯޓުގައި ސަލާމަތީ ކަންތައްތައް ހުރީ ވަރަށް ދަށްކޮށް ކަމަށާއި ކުއްލި ހާލަތުގައި ނުކުންނަން ހުރި ދޮރުވެސް ލަގަޖްތަކާ ހެދި ހުރީ ބަންދުވެފައި ކަމަށެވެ.

" އެމީހުން ހުރިހާ ބެގޭޖެއް އެއްސީ ފަޔާ އެގްޒިޓްގައި އެހެންވެ، އެތަން ހުރީ ބަންދުވެފައި،" ދަ ސަންއާ ވާހަކަ ދެއްކި ދެމީހުންގެ ތެރެއިން ތޯމަސް މާކީ ނަމަކަށް ކިޔާ މީހާ ބުނެފަައި ވެއެވެ.

ދެ އިނގިޭސިން ކޮށްފައިވާ އަނެއް ތުހުމަތަކީ ބޯޓުގައި ހަމައަށް ލައިފް ޖެކެޓް ނެތްކަމަށް ބުނެ ކުރާ ތުހުމަތެވެ. އޭނާ ބުނާ ގޮތުގައި އެފަދަ ހާލަތަކަށް އެކަށީގެންވާނެ ލައިފްޖެކެޓް އެ ބޯޓްގައި ހަމަޔަކަށް ނެތެވެ.

"އަހަރެންނަށް ދިން އެއްޗަކީ ތުއްތު ކުއްޖެއްގެ އެއްޗެއް. އެ ޖެކެޓްތަކަކީ ސެކަންޑް ހޭންޑް އެއްޗެތި ތަކެއް. ބައެއް އެއްޗެތި ވަނީ 2004 ގައި މުއްދަތު ހަމަވެފައި،" އޭނާ ބުނެފައި ވެއެވެ.

އެމީހުންގެ ތުހުމަތު ތަކާ ގުޅިގެން މޯލްޑިވިއަން އިން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނީގެ ހުރިހާ މަތިންދާބޯޓުތަކެއްގައި ވެސް ގަވާއިދުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ހުންނާނީ ފުރިހަމަކޮށްފައި ކަމަށެވެ. އެގޮތުން އެ ބޯޓްތަކަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގައި ރަޖިސްޓްރީކޮށް ސެޓިފައިކޮށްފައިވާ ބޯޓުތަކެއް ކަމަށާއި ގަވައިދާ އެއްގޮތަށް ކަންއްތައް ހުރޭތޯ އެމްސީއޭއޭއިން ގަވައިދުން ބަލާ ކަމަށެވެ.

ސީޕްލޭން ވެއްޓުނު ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށް ދާކަން ވެސް މޯލްޑިވިއަންގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ އެއާލައިންގެ ޕައިލެޓުންނާއި ކްރޫއިން ވެސް އެ ހާދިސާގައި ގޯސްކޮށް އަމަލުތައް ބަހައްޓާފައިވާކަން ފާހަގަވެފައި ނުވާކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނި ގޮތުގައި ބޯޓް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން އެވެ.

މޯލްޑިވިއަންގެ ދެ ސީޕްލޭނަކަށް ޖައްސަޖައްސައިގެން މިފަދަ ދެ ހާދިސާއެއް ވަނީ ކުރިމަތިވެފަ އެވެ.