ހަބަރު

އަޅުގަނޑު ވޯޓުދޭ ގޮތާ މެދު އަދާލަތު ޕާޓީން ޕްރެޝަރެއް ނާންނާނެ: އަނާރާ

Apr 29, 2015
2

ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވާ ގޮތެއްގެ ސަބަބުން ޕާޓީގެ ފަރާތުން އެއްވެސް ޕްރެޝަރެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލްކުރައްވާ ހަމައެކަނި މެންބަރު އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވަސިޓީ ގާއިމުކުރުމުގެ ބިލުގެ ފަހު ކިޔުމުގައި، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ވިދާޅުވީ މަޖިލީހުގައި އަބަދުވެސް ވޯޓު ދެއްވަނީ ހުށަހެޅޭ ކަމަކާ މެދު އަމިއްލަ އަށް ވިސްނުމަށް ފަހުގައި ކަމަށާއި ވޯޓު ދިނުމުގައި ވަކި ވިޕްލައިނެއް ނުވަތަ ވަކި މީހަކު ފޮލޯކުރަން ނުޖެހޭނެ ކަމަށެވެ.

"ބިލެއް ނުވަތަ އިސްލާހެއް ހުށަހަޅައިފި ނަމަ އަޅުގަނޑު އެއާ މެދު ވިސްނައި، އޭގައި 100 މާއްދާ އޮތް ނަމަވެސް އެ ހުރިހާ ކަމަކަށް ބަލައި އެންމެ މާއްދާއެއްގައި ހިތްހަމަނުޖެހޭ ކަމެއް އޮތް ނަމަވެސް އަޅުގަނޑު އެއަށް ވޯޓެއް ނުދެން. ވޯޓު ދިނުމުގައި އެއީ އަޅުގަނޑު ގެންގުޅޭ އުސޫލަކީ،" އަނާރާ ވިދާޅުވި އެވެ.

އަނާރާ މިހެން ވިދާޅުވީ މަޖިލީހުގައި ވޯޓު ދެއްވާ ގޮތާ ބެހޭ ގޮތުން އޭނާ ބަދުނާމުވާ ގޮތަށް، މަޖިލިސް މެންބަރުން ވެސް ހިމެނޭ ގޮތަށް ވާހަަކަ ދައްކަވާ ކަމަށް ވިދާޅުވެ އެކަމާ ނުރުހުން ފާޅުކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ސަރުކާރުން ވެސް ރަނގަޅު ކަމެއް ހުށަހަޅައިފި ނަމަ އެކަމަކަށް ވޯޓު ދެއްވާނެ ކަމަށެވެ. އެގޮތުން އިސްލާމިކް ޔުނިވަސިޓީ ގާއިމުކުރުމުގެ ބިލަކީ ވަރަށް ރަނގަޅު ބިލެއް ކަމަށާއި އެކަމަށް ކޮމިޓީ މަރުހަލާގައި ވޯޓު ދެއްވައި އެކަމާ ބެހޭ ގޮތުން ޓީވީގެ އެކި ޕްރޮގްރާމްތަކުގައި ވާހަކަ ދައްކަވާފައިވާ ވާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ އަނާރާ ވިދާޅުވީ މަޖިލީހަށް ކޮންމެ މެންބަރަކު ވެސް ވަޑައިގަންނަވަނީ ކުފޫ ހަމަވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންވެ ހުށަހެޅޭ ކަންކަމާ މެދު އަމިއްލަ އަށް ވިސްނައި ވޯޓު ދޭނެ ގޮތެއް އަމިއްލަ އަށް ނިންމޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރު ކަމުގެ ހުވާގައި، ވަކި ބަޔަކު ނުވަތަ ވަކި ވިޕްލައިނެއް ފޮލޯކޮށްގެން ވޯޓު ދޭން ޖެހޭނެ ކަމަށް ނޯންނަ ކަމަށެވެ.