ހަބަރު

ހުޅުމާލޭގައި ސްޓެލްކޯއިން ވެސް 15 ބުރީގެ ދެ ޓަވަރު އަޅަނީ

ސަރުކާރުން ދާދި ފަހުން އިއުލާން ކުރި "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅާދޭނެ ފަރާތެއް ހޯދަން ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން އިއުލާންކޮށްފި އެވެ.

ހިޔާ މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެ އެވެ.

އެގޮތުން ސްޓެލްކޯއިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ 15 ބުރީގެ ދެ ޓަވަރު އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް އެ ފުރުސަތު މިއަދު ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޕްރޮޕޯސަލްތައް އަންނަ މަހު ހަތެއްގެ ކުރިން ހުށަހެޅުމަށް ސްޓެލްކޯއިން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން 62 ޓަވަރު އަޅާ އިރު އޭގެން 25 ބުރީގެ 16 ޓަވަރު އެޅުމަށް މިހާރު ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓުރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ 6.6 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ.