ހަބަރު

އެމްއެމްސީ މެންބަރަކު އެމްއެމްސީ ގޮވައިގެން ކޯޓަށް

ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާގައި ރާއްޖެޓީވީން އިހުތިޖާޖު ކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނުބެލުމުން، އެ ކޮމިޝަންގެ މެންބަރު، އަސްއަދު ޝަރީފް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާއަށް ރާއްޖެ ޓީވީގެ ނޫސްވެރިން އައީ އިހުތިޖާޖު ކުރުމަށް ގަނޑުތަކާއި "އަބުރު ފަންޑު" ފޮށި ހިފައިގެނެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއާ ދެކޮޅަށް އެ ހަފްލާ ތެރޭގައި ރާއްޖެ ޓީވީގެ ނޫސްވެރިން އިހުތިޖާޖު ކުރި އެވެ.

އެ މައްސަލަ އައްސަދު އެމްއެމްސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ ބަލަން ނުޖެހޭ ކަމަށެވެ. އަދި އެ ނިންމުމާ ހިތްހަމަ ޖެހިވަޑައި ނުގެން އައްސަދު ވަނީ އެމްއެމްސީއާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ރާއްޖެ ޓީވީން ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި އިހުތިޖާޖު ކުރީ ބްރޯޑްކާސްޓިން ކޮމިޝަނުން ތިން ފަހަރަށް އެ ޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެނެވެ. އެގޮތުން އެންމެ ފަހުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ 500،000 ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފަ އެވެ.