ހަބަރު

ނޭކުރެންދޫގައި މީހަކު މަރާލި ކަމަށް ބުނެ ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ

Apr 29, 2015

ހދ. ނޭކުރެންދޫގައި 2012 ގައި އުމުރުން ދުވަސްވީ އަންހެނަކު މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނޭކުރެންދޫ، ރަންވިލު ފާތިމަތު ޒަކަރިއްޔާ(ފާތުމަ ދައިތަ) މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ކ. ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށެވެ. އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރި ނަމަވެސް އެގެއިން މޮބައިލް ފޯނެއް ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ، ޝަހީމް ހަތަރު އަހަރަށް ޖަލަށްލާން ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ފާތުމަ ދައިތަ މަރާލިކަމުގެ ކުށް ޝަހީމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓުން ކުރި ހުކުމުގައިވަނީ އެފަދަ މައްސަލަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ވަރަށް ސާބިތުކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ނަމަވެސް އެ މިންވަރަށް ޝަހީމާ ދެކޮޅަށް ހެކި ލިބިފައި ނެތް ކަމަށެވެ. އެހެންވެ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

ދައުލަތުގެ ދައުވާގައިވާ ގޮތުން ފާތުމަ ދައިތަ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. އޭނާގެ މަރާލާފައިވަނީ އެނގުނީ ވެސް އޭނާ ގުދުރަތީ މަރަކުން މަރުވި ކަމަށް ބަލައި، އޭނާ ވަޅުލި ފަހުންނެވެ.