ހަބަރު

ޒުވާނުންނަށް 2050 ސްކޮލާޝިޕް ދެނީ

ޒުވާނުންނަށް ހާއްސަކޮށް 2050 ސްކޮލާޝިޕް ދިނުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ނިންމަވާ އެކަން އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އިއުލާންކޮށްފި އެވެ.

"ޕްރޮމޯޓިން ސްކިލްސް ފޯދަ ފިއުޗާ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުން ކިޔެވުމަށް ދޫކުރަން ނިންމާފައިވާ ލޯނުގެ އެ ފުރުސަތުތަކާ ގުޅޭ ގޮތުން މިއަދު އާންމު ކުރި ޕްރޮމޯ ވީޑިއޯއެއްގައިވާ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ކިޔެވޭނީ ސެޓްފިކެޓް ލެވަލް އިން ގޮސް ޑިޕްލޮމާއާ ހަމަޔަށެވެ. އެ ފުރުސަތުތައް އިއުލާން ކުރުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ އިއުލާންކޮށްފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ރާއްޖޭގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގަ އެވެ. އަދި ކޮލެޖްތަކުގެ އިންޓާން ފެށުމުގެ ކުރިން އެ ލޯނުތައް ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމަކީ ޒުވާނުންގެ މުސްތަގުބަލް ބިނާ ކުރުމަށް ރައީސް ޔާމީން އަޅަމުންދާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

ޒުވާނުންގެ ދުވަހު ރައީސް ޔާމީން ދެއްވި ތަގުރީރުގައި ވިދާޅުވެފައި ވަނީ، މި ސަރުކާރަކީ އެންމެ ގިނައިން ސްކޮލަޝިޕްގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ސަރުކާރު ކަމަށެވެ. އެގޮތުން މި ސަރުކާރު އައިފަހުން 5،200 ސްކޮލަޝިޕް ދީފައިވާ އިރު، އަންނަ އަހަރުގެ ތެރޭގައި 3050 ސްކޮލަޝިޕް ހޯއްދަވައި ދެއްވާނެ ކަމަށެވެ.