ހަބަރު

"އުމަރު ގުޅުމަކީ އިދިކޮޅު ކޯލިޝަނަށް ލިބޭނެ ހިތްވަރެއް"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑާއިގަތުމަކީ، މި ސަރުކާރުން ހިންގާ އަނިޔާވެރި ވެރިކަމަށް އިތުރު ފުރުސަތެއް ނުދިނުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުންގެންދާ މަސައްކަތައް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށް މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ރިޔާޒް ވިދާޅުވީ، އުމަރު ނަސީރަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ. އަދި އުމަރު ނަސީރު އެ ޕާޓީއަށް ގެނައުމުގެ މަސައްކަތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެ ޕާޓީގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ގާބިލް އެކިއެކި ބޭފުޅުން އިތުރުކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ރާއްޖޭގައި އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެފައި، ވިޔަފާރިވެރިންނަށް ވިޔަފާރި ގެެއްލުމުގެ ބިރު ހީވެ އެކައުންޓްތައް ފްރީޒް ކުރުމުގެ ބިރުހީވެފައި، މީޑިއާތަކާއި ނޫސްތަކަށް ބޮޑެތި ގޮންޖެހުންތަކެއް، މީހުންނަށް ވާހަކަ ދެެއްކުމުގެ ފުރުސަތު ހަނިކުރެވިފައިމިވަނީ، މިހާ އުނދަގޫ ނުރައްކާތެރި ސަރުކާރެއް ވެރިކަން ހިންގަމުންދާއިރުގައި، ދެން ރައްޔިތުންނަށް އަނިޔާވެރިވުމަށް އިތުރު ފުރުސަތެއް ނުދިނުމަަށް ޖުމްހޫރީ ޕާޓީ އާއި ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ހިތްވަރެއް މިއީ އުމަރު ގުޅުމަކީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، އުމަރު އެ ޕާޓީ އާއި ގުޅުމަކީ 2018 ގައި ރައީސް ޔާމީން އަށް ތާއީދު ނުކުރަންވަން ނިންމެވި ނިންމެވުމެއް ކަމަށާއި މިކަމުގެ ސަބަބުން ކޯލިޝަނަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އުމަރު ނަސީރު ގުޅިވަޑައިގަތުމަކީ މި ސަރުކާރަށް އިތުރު ފުރުސަތެއް ނުދިނުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާ މަސަައްކަތަށް ލިިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ، އަދިވެސް ދެމިތިބީ ހަތަަރު ޕާޓީން ވެފައިވާ އެއްބަސްވުން މަތީ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ކޯލިޝަން ގުޅިގެން ރައްޔިތުން ބޭނުންވާ ވެރިކަމެއް ހޯދައިދޭނެ ކަމަށާއި އެފަދަ ސަރުކާރެއް އެކުލަވާލުމަށް ޖުމްހޫރީ ޕާޓީން ދެމިހުންނާނެ ކަމަށެވެ.

"އުމަރަށް ދައުވަތު ދިން އިރުގައި އަނެއް ހުރިހާ ލީޑަރުންނަށް ވާނީ އެކަން އަންގާފަ، ކޯލިޝަނަށް އެއްވެސް ހީނަރުކަމެއް ނާންނާނެ، ކޯލިޝަންގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި ވާނެ ފައިދާތަކާއި ގުޅޭގޮތުން ވާނީ މަޝްވަރާ ކުރެވިފަ، ސިޔާސީ ގޮތުން އޮތް ފުރުސަތުތައް ފުޅާ ކުރުމަށް ކުރެވެންހުރި ކަންކަން ކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ، އުމަރު ނަސީރު އެ ޕާޓީ އާއި ގުޅިފައިވަނީ އެ ޕާޓީ އަކީ ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދޭ ޕާޓީއެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ އަކީ ގާސިމްގެ ވަރަށް ބޮޑު ނުފޫޒެއް އޮތް ޕާޓީއެއް ކަމަށާއި ނަމަވެސް ނުފޫޒުގެ ބޭނުންކޮށް އެއްވެސް ކަމެއް ނުހިންގަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ތެރޭގައި ހަމަހަމަކަން އޮތްކަން އުމަރު ނަސީރު ވެސް ގަބޫލުކުރޭ، ޖުމްހޫރީ ޕާޓީ އަކީ ގާސިމްގެ ވަރަށް ބޮޑު ނުފޫޒެއް އޮތް ޕާޓީއެއް، ނަމަވެސް ނުފޫޒުގެ ބޭނުންކޮށް އާއިލާއެއް ވެސް ފަރާތަކަށް އެ ފުރުސަތު ދީފައެއް ނުވޭ، ސަރުކާރުގެ އެއްވެސް މަގާމަކަށް އާއިލާ ބޭފުޅަކު އައްޔަން ކޮށްފައެއް ނުވޭ،" ރިޔާޒް ވިދާޅުވި އެވެ.