ހަބަރު

އާ ސަރުކާރަކުން އެފްޓީއޭ މުރާޖާ ކުރާނެ: ނަޝީދު

އިދިކޮޅު ފަރާތްތަކުން ނެރޭ ސަރުކާރެއްގައި ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމް ކުރި މިނިވަން ވިޔާފާރީގެ އެއްބަސްވުން އަލުން މުރާޖާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއާ އެކު ގާއިމް ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން މަޖިލީހުން ފާސްކޮށްފައި ވަނީ އަވަސް އަރުވާލައިގެން ކަމަށާއި އެހެންކަމުން އެ އެއްބަސްވުން އަލުން މުރާޖާ ކުރަން އާ ސަރުކާރަކަށް މަޖުބޫރުވާނެ ކަމަށެވެ.

މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ރާއްޖެ އިން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރި އިރު، މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިނީ މިދިޔަ މަހު 29 ވަނަ ދުވަހުގަ އެވެ. އެ އެއްބަސްވުން މަޖިލީހަށް ހުށަހަޅާ ކޮމިޓީން ބަލައިގަނެ ފާސް ކުރީ ވެސް ހަމަ އެ ދުވަހުގަ އެވެ. އަދި ކޮމިޓީ މަރުހަލާގައި ހޭދަވީ އެންމެ 30 މިނެޓު ކަމަށާއި އެއްބަސްވުން މެންބަރުންނަށް ބަލައިލަން ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން މަޖިލީހުގެ އަގުލަބިއްޔަތު ނެތި އެފަދަ އެއްބަސްވުމެއް އަވަސް އަރުވާލައިގެން ފާސް ކުރުމުން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.