ހަބަރު

ކުޅުދުއްފުއްޓަށް ހޮނު އަޅާ، މިސްކިތަށް ގެއްލުންވެ، އިމާމް ޒަހަމްވެއްޖެ

Dec 15, 2017
14

ހދ. ކުޅުދުއްފުއްޓަށް މިއަދު ބާރުގަދަ ގުގުރިއެއް ޖަހައި ހޮނުއެޅުމުގެ ސަބަބުން އެ ރަށު ހުކުރު މިސްކިތަށް ބޮޑެތު ގެއްލުންތަކެއްވެ، މިސްކިތުގެ އިމާމަށް ވެސް އަނިޔާވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް "އަވަސް" އަށް ވިދާޅުވީ މިރޭ 6:20 ހާއިރު ވަރަށް ބާރު ގުގުރިއެއް ޖެހުމަށް ފަހު، އެ ރަށުގެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން މިސްކިތުގެ ކަރަންޓު ވައިރުތައް އެކީ އަނދައިގެން ގޮސް، މިސްކިތު މުށިތަކާއެކު ތަޅުމުގެ ދަށުގައި ހުރި ނެޓްވޯކު ވާތަށް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ބޮކިތައް ތަޅައިގެން ގޮސް ފަންކާގެ ފިޔަތަށް ހުރީ ހަލާކުވެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

އެ ހާދިސާ މުށިތައް ކުދިކުދިވެ ބުރައިގެން ގޮސް މިސްކިތުގެ އިމާމުގެ މޫނުގައި ޖެހި ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ފަންކާއިން ނައްޓައިގެން އައި ފިޔައެއް މިސްކިތުގައި އެވަގުތު ހުރި އެހެން މީހެއްގެ މޫނުގައި ޖެހި އެ މީހާ ވެސް ޒަހަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިމާމުގެ ހާލަތާ ގުޅޭ ތަފްސީލެއް މިހާާތަނަށް ލިބިފައެއް ނުވެ އެވެ.

"ހޮނު އެޅިކަމަަށް ބޮޑަށް ގަބޫލު ކުރެވެނީ، އެއީ ހޮނުއަޅައިގެން ވާކަހަލަ ގެއްލުންތަކެއްވެފައި ހުރީ، ނަމަވެސް ހޮނު އެޅީ ސީދާ ކޮންތަނަކަށް ކަމެއް ނޭނގެ، އެކަމަކު ދުވަހަކު ނީވޭހާ ބާރަށް ގުގުރުމެއް ޖެހީ، ބޮޑަށް ގެއްލުންވެފައި ވަނީ މިސްކިތަށް،" ލަތީފް ވިދާޅުވި އެވެ. "ބޭރު ފާރުގެ ކޮންކްރީޓުގަނޑުވެސް އޮތީ އެއްކޮށް ވެއްޓިފައި،"

ލަތީފް ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން ބައެއް ގެތަކުން ކަރަންޓުވެސް ކެނޑިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ގެއެއްގައި ހުރި އެއްޗަކަށް ގެއްލުންވިކަމެއް ސާފެއް ނުވާ ކަމަށާއި ނަމަވެސް ގެއްލު ލިބިފައި ހުރިތޯ ބަލަމުންދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. ކަރަންޓް ގޮސްފައިވާ ގޭގޭގެ ތެރެއިން ބޮޑު ބަޔަކަށް މިހާރު ވަނީ ކަރަންޓް ދީފަ އެވެ.