ހަބަރު

އެންމެ އަގުބޮޑު ގޭގައި ސައުދީ ސަފީރުގެ މަސްލަހަތު

ދުނިޔޭގެ އެންމެ އަގު ބޮޑު ގޭގެ ގޮތުގައި މިހާތަނަށް އަގުކުރެވިފައިވާ، ފްރާންސްގެ ގަނޑުވަރެއް ގަތް ކުންފުނީގައި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަދުރުއަލް ކަހައިލް މަސްލަހަތު ހިމެނޭ ކަމަށް ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފި އެވެ. އެ ގަނޑުވަރަކީ ފްރާންސްގައި ހުންނަ ޗެޓާއު ލުއިސް 14 އެވެ.

އެ ނޫހުގެ ރިޕޯޓްގައިވާ ގޮތުން، 57 އޭކަރުގެ ބިމެއްގައި ހަދާފައިވާ އެ ގަނޑުވަރު 2015 ވަނަ އަހަރު 300 މިލިއަން ޑޮލަރަށް ވަނީ ގަނެފަ އެވެ. އެތައް އަޖައިބުތަކެއް ހިމެނޭ އެ ގަނޑުވަރު 2015 ވަނަ އަހަރު އެ އަގުގައި ވިއްކާލުން ފޯބްސް މެގަޒިން އިން ސިފަ ކޮށްފައިވަނީ އެއީ އެންމެ އަގުބޮޑު ގެ ކަމަށެވެ.

ގަނޑުވަރު ގަތް ފަރާތްތަކުގެ މައުލޫމާތު މީގެ ކުރިން އޮތީ ސިއްރުވެފަ އެވެ. އެކަން ފަޅާ އަރާފައިވަނީ މުއްސަދިންނާއި ގައުމުތަކުގެ ވެރިން އެ މީހުންގެ ފައިސާ ރައްކާކުރާ ގޮތް ފަޅާއަރުވާލި، ޕެރަޑައިސް ޕޭޕާސްގެ ތެރެއިން އެވެ. އެ ލިޔުންތަކުން އެނގިފައިވާ ގޮތުގައި ގަނޑުވަރު ގަނެފައިވަނީ ފްރާންސްގެ ދެ ކުންފުންޏަކުންނެވެ. އެ ދެ ކުންފުންޏަކީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ލަގްޒެމްބާގުގެ ޕްރެސްޓިޖް އެސްޓޭޓް އެސް އޭ އާރު އެލްގެ ދަށުން ހިނގާ ދެ ކުންފުންޏެވެ.

ނިއުޔޯކް ޓައިމްސްގައިވާ ގޮތުން، ފާރްންސްގެ ލަގްޒެމްބާގުގެ ޕްރެސްޓިޖް އެސްޓޭޓް އެސް އޭ އާރު އެލްގެ ވެރިފަރާތަކީ ސައުދީ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެއިޓް އިންވެސްޓުމެންޓެވެ. އެ ކުންފުންޏަކީ ސައުދީގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ އަމިއްލަ ފައުންޑޭޝަންގެ ކަންކަމުގައި އުޅޭ ބަޔަކު ހިއްސާވާ ކުންފުންޏެކެވެ.

ގަނޑުވަރު ގަތް ކުންފުނިތަކުގެ މައި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ނިއުޔޯކް ޓައިމްސްގައި ހާމަކޮށްފައިވަނީ، ރާއްޖެއަށް ސައުދީން ކަނޑައަޅާފައިވާ ސަފީރު ބަދުރުގެ އިތުރުން ޕްރިންސް މުހައްމަދުގެ އަމިއްލަ ފައުންޑޭޝަންގެ ވެރިޔާ ބަދުރު އަލް އަސާކަރު އާއި ކިންގް ސަލްމާންގެ ޕްރައިވެޓް އެފެއާޒްގެ ހެޑް ހާޒިމް މުސްތަފާ ޒަގްޒޫގް އެވެ.

އެ ގެ ހަދާފައި ވަނީ އިހުގެ ގަނޑުވަރެއްގެ ފަރުމާއަށް އެންމެ އަގު ބޮޑުކޮށް ފަހުގެ ޓެކްނޮލޮޖީއާއެކު 19 ވަނަ ގަރުނުގެ ކިއްލާއެއް ތަޅާލައި އެ ބިމުގަ އެވެ. ގަނޑުވަރުގެ ގިނަ ތަންތަން ޖަރީކޮށްފައިވަނީ ރަނުންނެވެ. އަދި ގަނޑުވަރުގެ ވަށައިގެން މާބުލް ޖަހާފައިވަނީ އެންމެ އަގުބޮޑު މާބުލްގެ ގޮތުގައި ފާހަގަކުރެވޭ ކަރާރާ މުށިންނެވެ. ގަނޑުވަރު ބޭރުގައި ބަގީޗާތަކާއި ސްޓޭޖްތައް ވެސް ހަދާފައިވެ އެވެ. ސްޓޭޗޫތައް ވެސް ހަދާފައިވަނީ މާބުލްއިންނެވެ. މީގެއިތުން ގަނޑުވަރުގެ ދެ އަރިމަތީގައި ފެންގަނޑެއް އޮވެ އެވެ. އަދި އެ ފެންގަނޑު އަޑީގައި ބިއްލޫރިން ހަދާފައިވާ ކޮޓަރިތައް ވެސް ހުރެ އެވެ.