ހަބަރު

މޮޅަދޫ އިންޖީނުގޭގެ ތިޖޫރީގެ ފައިސާ ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

ހއ. މޮޅަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނު ގެޔަށް ބަޔަކު ވަދެ، ރޭ ވަގަށް ނެގި ތިޖޫރީގެ ފައިސާތައް ހޯދާ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މޮޅަދޫ އިންޖީނު ގޭގެ ތިޖޫރީގައި 38000 އަށް ވުރެ ގިނަ ރުފިޔާ ހުރި އިރު ފުލުހުން މިއަދު ވަނީ އެ ތިޖޫރީ އެ ރަށު ވަލު ތެރެއިން ހޯދާފަ އެވެ. ނަމަވެސް އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ތިޖޫރީ ވަގަށް ނެގި މައްސަލާގައި ތުހުމަތު ގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން އެކަކުގެ ގެ އާއި އިތުރު ދެ ތަނެއް ބަލާ ފާސްކުރި އިރު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ރަށު ކައުންސިލުން މިއަދު ބުނި ގޮތުގައި ތިޖޫރީ ވަގަށް ނަގާފައި ވަނީ ރޭ 12:00 އާއި ހެނދުނު ހަޔަކާ ދެމެދުގެ ވަގުތެއްގަ އެވެ.