ހަބަރު

އެމްޑީޕީގެ ރައީސް ކަން ނަޝީދަށް ގެއްލޭ ގޮތަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

May 5, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސް ކަން ގެއްލޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހާއި އިސްލާމިކް ޔުނިވާސިޓީގެ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ދެ ބިލުގެ އިތުރުން އާ ގާނޫނުލް އުގޫބާތަށް ބައެއް ކުދި ކުދި އިސްލާހުތައް ގެނެސް މަޖިލީހުން ފާސްކުރި ބިލް ވެސް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ޖަލުގައި ހުންނަ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދައެއް ނުކުރެވޭނެ އެވެ. އެ އިސްލާހު މިއަދު ފާސް ކުރުމާ އެކު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދަށް އެމްޑީޕީގެ ރައީސް ކަމުގެ މަގާމު އަދާ ކުރުން ގާނޫނީ ގޮތުން މަނާވީ އެވެ.

ކުރިން މަޖިލީހުން ފާސްކުރީ ޖަލުގައި ހުންނަ އެއްވެސް މީހަކަށް ޕާޓީއެއްގެ މެމްބަރުކަން އަދާ ނުކުރެވޭ ގޮތަށެވެ. ނަމަވެސް އެ ބިލް ރައީސް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލުމުން ފަހުން މަޖިލީހުން ފާސްކުރީ ޖަލުގައި ހުންނަ މީހަކަށް ޕާޓީއެއްގެ މެމްބަރުކަން އަދާ ކުރެވިދާނެ ކަމަށާއި ނަމަވެސް އިސް މަގާމެއް އަދާ ނުކުރެވޭނެ ކަމަށެވެ.