ހަބަރު

ކުރީގެ ކޮމިޝަނާ ރިޔާޒް ފުލުހަށް ހާޒިރުކޮށްފި

May 5, 2015

ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ރިޔާޒް ރާއްޖެ ޓީވީގައި ވިދާޅުވެފައިވަނީ ވަގުތު ޖެހުމުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައިގައި ހާމަކުރަންޖެހޭ ބައެއް މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށެވެ.

މިރޭ 9:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރިޔާޒު ވިދާޅުވީ އެ ދެ މައްސަލައިގައި އިތުރު މައުލޫމާތުތަކެއް އޭނާގެ އަތުގައި ހުރިތޯ ފުލުހުން ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެ މައުލޫމާތުތައް ފުލުސް އޮފީހުގައި ހުންނާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މަގާމުގައި ހުންނެވިއިރު ލިބުނު ބައެއް މައުލޫމާތުތައް އާންމު ކުރި ކަމަށް ފުލުހުން އޭނާއާ މެދު ތުހުމަތު ކުރެއްވި ކަމަށާއި ނަމަވެސް އެއީ ކޮން މައުލޫމާތުތަކެއް ކަން ފުލުހުންނަށް ސާފުކޮށް ދީފައިނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެ ވާހަކަތައް ދެއްކިއިރު ވެސް އޮންނާނެ ބުނެފަ މަގާމުގެ ހައިސިއްޔަތުން ލިބިފައި އޮތް އެއްވެސް މައުލޫމާތެއް ޕަބްލިކަކަށް އަޅުގަނޑަކަށް ހާމައެއް ނުކުރެވޭނެއޭ." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އޭނާއާ މެދު ތުހުމަތު ކުރެވޭ މައްސަލައެއް އޮތިއްޔާ އެކަން އަންގަން ފުލުހުންގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް އެއްވެސް ބަޔާނެއް ފުލުހުން ނަގާފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ސާފުކުރަން އޮތިއްޔާ އެކަން ފަހުން އަންގާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.