ހަބަރު

އެންއައިސީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Jan 22, 2018

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލެވޭ މުއްދަތު ރައީސް އޮފީހުން މިމަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ. އެ އިދާރާއަށް މެންބަރުން ހޯދަން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ އިއުލާންކޮށް މުއްދަތު އިތުކޮށްފަ އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް އިތުކޮށްފައިވާ ކަމަށެވެ.

މެންބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމާއެކު ލިޔެކިޔުންތައް ހަވާލުކުރަންޖެހޭނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައީސް އޮފީހަށެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރަށް ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފު ކުރަން ޖެހޭ ފޯމު ހިމަނަން ޖެހެއެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހަންމަދު އެކޮމިޝަނުގެ ރައީސް ކަމުންނާއި އެކޮމިޝަނުގެ މެމްބަރުކަމުން ވަކި ކުރުމާ ގުޅިގެންނެވެ.