ހަބަރު

ލ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރި ތިން މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

May 7, 2015

ލ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގެ ކުރި ތިން މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ލ. ގަމު ތުނޑީ އަވަށު ދިއްގަލި، އަހުމަދު ހަނީފާއި ހަމަ އެ އަވަށު ޒިޔުރިކް، އަބްދުﷲ ޝަކީބާއި އެ އަވަށު އެދީވިލާ، މައުސޫމް މޫސާގެ މައްޗަށެވެ. ދައުލަތުން އެ ތިން މީހުންގެ މައްޗަށް ދައުވާކުރީ މީގެ ހަތަރު އަހަރު ކުރިން ނޮވެމްބަރު، 2010 ގައި ގަމު ތުނޑީ އަވަށު ވަލު ތެރޭގައި މަސްތުވާތަކެތި ބަންދުކުރަން ތިބި މައްސަލައިގަ އެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން އެ މީހުން މަސްތުވާތަކެތި ބަންދުކުރަން ތިބި ސަރަހައްދުން 15 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ހެކިންގެ ބަހުންނާއި ގަރީނާތަކުން އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ އެ ތިން މީހުން އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ.

ކުރީގެ ގާނޫނުގެ ދަށުން އެ މީހުން ޖަލަށްލާން ހުކުމްކުރީ އެ މީހުން އެ ކުށް ކުރީ ވެސް ކުރީގެ ގާނޫނަށް އަމަލުކުރަމުން ދަނިކޮށް ކަމަށްވާތީ އެވެ. މިހާރުގެ ގާނޫނުގެ ދަށުން މަސްތުވާތަކެތި ވަކި އަދަދަކަށް ވުރެ ގިނައިން ގެންގުޅެފި ނަމަ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި ޖޫރިމަނާތައް ކުރެވޭނެ އެވެ.

ފުލުހުން ބުނެފައިވަނީ އެ ތިން މީހުންނަކީ ލ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރި ބައެއް ކަމަށެވެ. މީގެކުރިން ވެސް އެ އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރި މީހަކު އުމުރަށް ޖަލަށްލާން ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.