ހަބަރު

މޭ ޑޭ ގެ މުޒާހަރާގައި އިންސާނީ ހައްގެއް ގެއްލިފައިވޭތޯ އެޗްއާރުސީއެމުން ބަލަން ފަށައިފި

May 7, 2015

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާގައި އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިފައިވޭތޯ ބަލަމުންދާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައިވަނީ އެ މުޒާހަރާގައި ހައްޔަރުކުރި މީހުންނަށް ފުލުހުން އަނިޔާކުރާ ކަމަށް ބުނާ މައްސަލަތަކާއި ހައްޔަރުކޮށްފައިވާ ފަރާތްތައް ބަންދުގައި ތިބޭއިރު އަސާސީ ހިދުމަތްތައް ރަނގަޅަށް ނުލިބޭކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ. މީގެ އިތުރުން ހައްޔަރު ކުރުމުގައި އެކަށީގެންނުވާ މިންވަރު ބާރުގެ ފުލުހުން ބޭނުންކުރާކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށާއި އެ މައްސަލަތައް ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އެ މުޒާހަރާގައި އުމުރުން ދުވަސްވީ މީހުން ހައްޔަރުކޮށްފައިވާއިރު ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ލިބެންޖެހޭ ފަރާތްތަކާ މެދު މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ވަކި މިންގަނޑެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ކޮމިޝަނުން މިހާރު ވަނީ ދޫނިދޫ ޖަލަށާއި މާފުށީ ޖަލުގެ އިތުރުން މާލޭ ޖަލަށް ވެސް އެ ކޮމިޝަނުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި އެ މުޒާހަރާ އިންތިޒާމްކުރި ޕާޓީތަކާ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ފުލުހުންނާ ބައްދަލު ކުރެވޭ ގޮތް ވެފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.