ހަބަރު

ދުންޔާގެ ޓްވީޓުތަކުން އެނގޭ ނުދައްކާ ވާހަކަ!

Feb 17, 2018
3

ސޯޝަލް މީޑިޔާގެ މިޒަމާނުގައި "ޑިޕްލޮމެސީ" ދޭހަކުރުމަށް އެއް ލަފްޒު ބޭނުންކުރާނަމަ، "ޓްވިޓާ" އިން އެކަނިވެސް ފުދޭނެއެވެ.

ޓުވިޓާއަކީ ޑިޕްލޮމަޓުންނާއި ސިޔާސީ ލީޑަރުން ދައުލަތާއި އަދި ސިޔާސީ ޕާޓީތަކުގެ ކަންތައްތަކާއިމެދު މަޝްވަރާކޮށް ހިޔާލު ފާޅުކުރުމަށް ބޭނުން ކުރާ އެއްމެ ޒަމާނީ މެދުވެރިޔާކަން ޝައްކެއް ނެތެވެ. ދުނިޔެ ގްލޯބަލައިޒޭޝަން އާއި ދިމާލަށް ހަލުވި ދުވެލީގައި ދަތުރުކުރަމުން ދާއިރު ސިޔާސީ ބޭފުޅުން ކޮއްމެ ދުވަހެއްގެ މަތިން މުއާމަލާތުކުރުމަށް ބޭނުން ކުރާ ވަސީލަތެއްކަމުގައިވެސް ޓްވިޓާ ވަނީ ވެފައިއެވެ. އަދި ހަމަ މިއާއެކު ޓްވިޓާވަނީ ޑިޕްލޮމަސީގެ ސަގާފަތްތަކާއި އަދި އޭގެން ކުރާ ފައިދާތަކާއި ކުރިމަތުލުމުގައި ކާމިޔާބުވެފައިއެވެ. އެހެންނަމަވެސް ޓުވިޓާއަކީ މުއާމަލާތުތަކަށް އެއްމެ އިތުބާރުކުރެވޭ މެދުވެރިޔާކަމުގައި މިއަދުވެސް ސުވާލު އުފެދެއެވެ.

މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމަށް ނުވަތަ "މޯލްޑިވްސް ޕޮލިޓިކަލް ކްރައިސިސް" އަށް ބަލާލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި، ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ ގިނަވެފައިއެވެ. އަދި ސަރުކާރު މުއައްސަސާތަގުގެ އެކިބޭފުޅުން ކޮއްމެހާލެއްގަވެސް ސަރުކާރުގެ ދިފާއު ކުރުމުގެ މަގްސަދުގައި ޓުވިޓާ ބޭނުން ކުރެއެވެ. އެއްގޮތުން ބަލާކަމުގައިވާނަމަ ހާއްސަކޮށް ސިޔާސީ ހަލަބޮލިކަމެއްގައި ރާއްޖެ އޮތް ދަނޑިވަޅުގައި ޓުވިޓާ އަކީ އެއްމެ ފަސޭހައިން ނަތީޖާ ނެރުމަށް ސަރުކާރާއި، ރައްޔިތުންނާއި އަދި އިދިކޮޅު ފަރާތްތަކުން ބޭނުން ކުރާ ވަސީލަތްކަމުގައި މިއަދު ވެއްޖެއެވެ. އެހެންނަމަވެސް މީގެ ހަގީގަތް އިނގޭނީ ކޮއްމެ ބަހެއްގެވެސް އެކުލެވިގެންވާ މާނައަށް ފުންކޮށް ވިސްނާ މީހުންނަށެވެ. އާއިލީކޯޅުމެއްގެ ތެރޭގައި މިވަގުތު ތާށިވެފައިވާ ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރުގެ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައިވާ ދުންޔާ މައުމޫންގެ ޓުވިޓާއިންވެސް މިފަދަކަންތައްތަކެއް ފާހަގަ ކުރެވެއެވެ.

މިކޯޅުމުގެ ތެރޭގައި ދުންޔާގެ އާއިލާވަނީ ދެބަޔަކަށް ބެހިފައިއެވެ. އިދިކޮޅު ފަރާތްތަކާއި އެއް ސަފުގައި ދުންޔާގެ ބައްޕަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކޮއްކޮ ފާރިޝް މައުމޫން އަދި ޔުމްނާ މައުމޫން ހުންނެވި އިރު ދުންޔާއާއި ކޮއްކޮ ގައްސާން މައުމޫން ހުންނެވީ އެބޭފުޅުންގެ ބޮޑުބޭބޭ އަދި މިހާރުގެ ރައީސް ކަމުގައިވާ އަބްދުﷲ ޔާމީންއާއެކުގައި އެވެ. އަދި މި ސިޔާސީ ކޯޅުމުގެ ތެރޭގައި ދުންޔާގެ ބައްޕަ ކުރީގެ ރައީސް މައުމޫނާއި، ކޮއްކޮ ފާރިޝްއާއި އަދި ޅިޔަނު ކަމުގައިވާ ނަދީމް ވަނީ ހައްޔަރުކޮއްފައެވެ. މި ދަނޑިވަޅުގައި ދުންޔާވަނީ ސިޔާސީގޮތުން ވަކި ކޮޅަކޮށް ނުޖެހި ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިއެވެ. މަތިމަތިން ބަލައިލާ ކޮންމެ މީހަކަށްވެސް ފެންނާނީ މި މަންޒަރެވެ. ނަމަވެސް ދުންޔާ ގެ ޓްވިޓާ ލައިިކްސްއަށް ބަލާލާއިރު ތަފާތު މަންޒަރެއްގެ ކުލަވަރު އެބަ ސިފަވެއެވެ.

ފާޅުގައި ދުންޔާގެ ބަސްމަގުން ދޭހަވަނީ އަދިވެސް ސާބިތުކަމާއި އެކު ހުންނެވީ ރައީސް ޔާމީންގެ ސަރުކާރާއި އެކު ކަމަށެވެ. ނަމަވެސް ޓްވިޓާގައި އެކަމަނާ ލައިކްކުރައްވަމުން ގެންދަވާ ބައެއް ޓްވީޓްތަކުން އުފައްދާ ސުވާލަކީ، ދެން އެންމެ އަވަހަށް އިސްތިއުފާގެ ސިޓީ ހުށަހަޅާނީ އެކަމަނާތޯއެވެ. ސަބަބީ ސަރުކާރާއި ދެކޮޅު ޓްވީޓްތަކެއްވެސް މީގެ ތެރޭގައި ހިމެނޭތީއެވެ. ހަގީގަތުގައި މިކަމުގެ ތެރެއަށް ވަދެ ބަލާލާއިރު، މިފަދަ ކަންކަމަކީ ސިޔާސީ ބޭފުޅުންނަށް އާ ކަމެއް ނޫނެވެ. ހާއްސަކޮށް ތިމާ ފާޅުކުރާ ހިޔާލަކުން ކުރާ ފައިދާއަށްވުރެ ގެއްލުން އިތުރުވެދާނެ ކަމަށް ގަބޫލު ކުރައްވާ ފަރާތްތަކުން މިގޮތަށް އަމަލު ކުރެއެވެ. ބަހެއް ނުބުނު ލައްކަ އެއްޗެހި ބުނުމާއި އެއްފަދައެވެ.

"ރީޓްވީޓްސް އާރ ނޮޓް އެންޑޯސްމަންޓްސް" އޭ ބުނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ފަދަ އެއްޗެކޭ ބުނެފައިވެސް ސިޔާސީ ބޭފުޅުންނަށް ރެކިލުމުގެ ޖާގަ ލިބިފައި ވެއެވެ. ސީދާ ބުނަން ބޭނުންވާ ބަސް ނުބުނެ، ރައްޔިތުންނަށް އެ ބުންނަން ބޭނުންވާ ބަސް ފަހުމް ކޮށްދެއެވެ. ދުންޔާއަށް ވިސްނާލާކަމުގައިވާނަމަވެސް މިއީ ހަމަ ތެދެކެވެ. އެކަމަނާ ހުދު، އަޅުގަނޑު އިސްތިއުފާ ދިނުމަށް ބޭނުންފުޅުވާކަމަށް ނުބުންޏަސް، އެކަމަނާގެ އިސްތިއުފާއަށް ގޮވަމުންދާ ޓްވީޓްތައް ލައިކްކުރަމުން ދިއުމަކީ އެކަމަނާ އެއާއި ތާއީދު ކުރައްވާ ކަމެއްކަން ދޭހަވެގެންދެއެވެ. ނަމަވެސް، މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ، އިސްތިއުފާ ދިނުމަށް އެދޭނަމަ، ރައީސް ޔާމީންގެ ސަރުކާރާއި އެކު އަދިވެސް އެ ހުންނެވީ ކީއްވެގެންބާވަ؟

އެ ސުވާލުގެ ޖަވާބަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްކަމުގައިވެސް ވެދާނެ އެވެ. ދުންޔާގެ ނަޒަރުން ވިސްނާލާކަމުގައި ވާނަމަ، މިވަގުތު އެކަމަނާ ފިޔަވައި، ސަރުކާރާއި ހުރި ހުރިހާ ސީދާ މުވާސަލާތުތަކެއް ވަނީ ކެނޑިފައެވެ. ރައީސް މައުމޫން ޖަލުގައި ރޭތައް ހޭދަކުރަމުންދާއިރު، ދުންޔާ ފަހަރުގައި މަސައްކަތްކުރަމުން އެދަނީ ރައީސް ޔާމީނާއެކު މަޝްވަރާކޮށް ބައްޕާފުޅު ގެއައް ގެނައުމުގެ މަސައްކަތައްވެސް ވެދާނެއެވެ. ސުލްހައިގެ މޭޒަށް އެންމެން ގެނައުމަކީ އެކަމަނާގެ ނިޔަތައް ވެދާނެއެވެ.

ކޮންމެއަކަސް ދުންޔާގެ ހާލަތުން ވިސްނަންވީ ގިނަ ކަންތައްތަކެއްވެސް އެބަވެއެވެ. މިވަގުތު ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުން އަރައި ގަނެވޭނީ ޕާޓީތަކުގެ ކުލަ އެއްފަރާތްކޮސް ގައުމާއި މެދު ވިސްނާލައިގެންނެވެ.