އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރިކޮށްގެން މަނާ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށްބުނެ ފަތުރާފައިވާ ހަބަރާއި ގުޅިގެން ހަގީގަތް ހާމަކޮށްފައިވަނިކޮށް، ބައެއް މީޑިއާތަކުންް އެކަމާގުޅޭ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެމީޑިއާތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނީ، އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރިކޮށްގެން މަނާ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބަޔާންކޮށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ހަބަރާއިި ގުޅިގެން އިއްޔެ އެ އޮތޯރިޓީން ހަގީގަތް ބަޔާންކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން ބައެއް މީޑިއާ ތަކުގައި ދަނީ އަސާސެއްނެތް ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަމުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނީ، އެ މައްސަލައަކީ ވަރަށް މުހިންމު މައްސަލައެއް ކަމަށް ބަލައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ދޮގު މައުލޫމާތު ފަތުރަމުންދާ މައްސަލައަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެފަދަ ދޮގު މައުލޫމާތުތައް ފަތުރާ މީޑިއާތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޖަޕާނު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ޗައިނާގެ ޝަންހާއީގެ އިރުމަތިން 250 ކިލޯމީޓަރު ބޭރުންނ ކަމަށެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ފެނުނު އިރު ދެއުޅަނދު އޮތީ ކައިރިކޮށްގެން ކަމަށާއި ދެ އުޅަނދުގެ ލައިޓްތައް ވެސް ދިއްލާފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ޓޭންކަރެއް ކަމަށް ޖަޕާނުން ބުނާ އުޅަނދުން އެއްޗެއް ބަރުކުރި އުތުރު ކޮރެއާގެ އުޅަނދަކީ އެމެރިކާއިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ އުޅަނދު ފެނުނު އިރު އޮތީ އޭގެ ނަން ފޮހެލައިފަ އެވެ. ދެ އުޅަނދުން ހިންގާފައިވާ މުއާމަލާތަކީ ސަލާމަތީ މަޖިލީހުގެ ގަރާރާ ހިލާފު އަމަލެއްކަން އެ މައްސަލަ ބެލުމުން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ޖަޕާން ފޮރިން މިނިސްޓްރީން ބުންޏެވެ. ޖަޕާނު ފޮރިން މިނިސްޓްރީގެ ހަބަރުގައި ދެ އުޅަނދުގެ ފޮޓޯތައް ވެސް ޖަހާފައި ވެއެވެ.
އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ޓޭންކަރެއް ކައިރިކޮށްގެން އުޅެނިކޮށް ފެނިފައިވާ ކަމަށާއި އެ އުޅަނދުން އުތުރު ކޮރެއާގެ ބޯޓަށް މުދާ އެރުވިކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އިއްޔެ ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ބުނެފަ އެވެ. އަދި އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރިކޮށްގެން އުޅެނިކޮށް ފެނިފައިވާ ކަމަށް ޖަޕާނުން ބުނެފައިވާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.