ހަބަރު

ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖަމީލު ގޮވާލައްވައިފި

ދިވެހި ސަރުކާރަށާއި ސަރުކާރަށް މަދަދު ކުރާ ވިޔަފާރިތަކަށް ވަކި ވަކިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ކުރީގެ ނައިބު ރައީސް މުހައްްމަދު ޖަމީލު އަހުމަދު ގޮވާލާއްްވައިފިއެވެ.

އިންޑިއާގެ ދަ ހިންދުސްތާން ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅަން ޖެހޭ ކަމަށާއި އެކަމުގައި އިންޑިއާ އިސް ނަގަން ޖެހޭ ކަމަށެވެ. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ އުތުރުކޮރެއާހެން ނުވާނެ( ދަތިކުރުމުގެ ފިޔަވަޅު އެޅުން ވެސް އުތުރުކޮރެއާއިން ބޯ ނުލަނބާ އޮންނަ ހެން ނޯވެވޭނެ) ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

"މިއީ ސަރުކާރަށާއި ސަރުކާރަށް މަދަދުކުރާ ވިޔަފާރިތަކަށް ވަކިވަކިން ފިޔަވަޅު އަޅަން ބަލަންވީ ވަގުތު. މުދާ ހިފެހެއްޓުން އަދި ދަތުރުކުން މަނާކުރުންް ފަދަ،" ޖަމީލު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ޖަމީލު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ އިއާދަކުރަން އެހީތެރިވާން އެދި އިންޑިއާ ސަރުކާރަށް އިދިކޮޅުން ރަސްމީކޮށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގައި އިނގިރޭސިސަރުކާރާއި ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާގެ އެހީއަށް ވެސް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިފަހަރު ދިމާވެގެން އުޅޭ މައްސަލައިގައި އިންޑިއާއިން މާބޮޑަށް އަޅާ ނުލާކަމުގެ ޝަކުވާ އިންޓަވިއުގައި ޖަމީލުވަނީ ތަކުރާރުކޮށް ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ ގާބިލުކަން އިންޑިއާގެ ހުންނާނެ ކަމަށެވެ.

"ޗައިނާއާ މަޝްވަރާކޮށްގެން ރާއްޖޭގެ މައްސަލަ ހައްލުކުރެވޭ ވަރަށް ވުރެ އިތުރަށް ވެސް އިންޑިއާގެ ގާބިލުކަން އެބަހުރި. އަޅުގަނޑުމެން މިހާރު ކޮމަންވެލްތުގައި ނޫޅުނަސް އިންޑިއާއަކީ އެ ގްރޫޕުގައި އޮތް އެންމެ ބޮޑު ގައުމު. އެހެންވީމާ އަަޅުގަނޑުމެންނަަށް އެހީތެރިވާން ޖެހޭނެ،" ޖަމީލު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ހަމަޖެހުން އޮތް ތަނަަކަށް ވުމަކީ ޗައިނާއަށް ވެސް މުހިއްމު ކަމެއް ކަމަށާއި އެހެންވީމާ ރާއްޖޭގެ ކަންތަކުގަައި ޗައިނާއާއި އިންޑިއާއިން ވާހަކަ ދައްކައިގެން ނިންމުމެއް ނިންމިދާނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރެއް ތަންފީޒުނުކޮށް ކުއްލި ހާލަތު އިއުލާނު ކުރުމަށް ފަހު ސަރުކާރުން ވަނީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މިހާރު އޮތް މައްސަލަގަނޑު ދިމާވި ދުވަހުން ފެށިގެން ވެސް އިދިކޮޅު ފަރާތްތަކުން ގޮވަމުން އަންނަނީ މިހާލަތު ބަދަލުކުުރަން އިންޑިއާއިން އެހީވުމަށެ.