ހަބަރު

މިއީ ރާއްޖޭގެ ދުސްތޫރީ ތާރީހުގައި ކަޅު ދުވަހެއް: އަލީ ހުސެއިން

Mar 13, 2018

މިއަދަކީ ރާއްޖޭގެ ދުސްތޫރީ ތާރީހުގައި އައި ވަރަށް ވެސް ކަޅު ދުވަހެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ދާދި ދެންމެއަކު އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ދުސްތޫރީ ތާރީހުގައި އައި ވަރަށް ކަޅު ދުވަހެއް ކަމަށެވެ. އަދި ވިދާޅުވީ، ރޭ ގަނޑު އެންމެ އަނދިރި ވަގުތު އަންނާނީ ފަތިސް ވުމުގެ ކުރިން ކަމަށެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައިވަނީ މިއަދު ރައްޔިތުން މަޖިލީހުން އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފާސްކޮށްފައިވުމުން ނެވެ.

މިއަދު މަޖިލީީހުން ފާސް ކުރި ފަނޑިޔާރުންގެ އިސްލާހުގެ ބިލުގައި ވަނީ ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. އެ ބިލް ފާސްކޮށްފައިވަނީ ކުރީ 38 މެންބަރުންގެ ވޯޓުންނެވެ.

އަދި އެންޓި ޑިފެކްޝަން ބިލް ވެސް ވަނީ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހުކޮށް ފާސްކޮށްފަ އެވެ. އެ ބިލް ފާސްކޮށްފައިވަނީ 36 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މެންބަރަކު ޖަލްސާގައި ބައިވެރިވެފައެއް ނުވެ އެވެ.