ހަބަރު

"ވެރިކަން ދަމަހައްޓަން ކޮންމެ ގާނޫނެއް ވެސް ބަދަލުކޮށްފާނަން"

Mar 13, 2018
36

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ކޮންމެ ގާނޫނަކަށް ވެސް އިސްލާހު ގެނައުމަށް ތައްޔާރަށް ހުރި ކަމަށް ޕީޕީއެމް އިން ބުނެފި އެވެ. ޕީޕީއެމް އިން މިއަު ބޭއްވި ނޫސްވެރިންގެ ބަދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރަކީ ދުވަހަކު ވެސް ނުއުފެދޭ ވަރަށް ރައްޔިތުން އިސްކަން ދޭ ސަރުކާރެއް ކަމަށާއި އެހެންކަަމުން ސަރުކާރު ބަލިކަށިވާ ގޮތަށް މަސައްކަތް ކުރުމުގެ ޖާގައެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނިކުންނަ ކޮންމެ ބަޔަކާ ދެކޮޅަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށާއި އެގޮތުން އެމަނިފާނުގެ ވެރިކަން ދަމަހައްޓަން ކޮންމެ ގާނޫނެއް ވެސް އިސްލާހު ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމް އެމްޑީއޭ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ގައުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވަރަށް ކެރިގެން ވާން ތިބޭ ބައެއް، އަދިވެސް އިތުރު ބިލުތައް ފާސް ކުރަން ޖެހިއްޖެއާ ކުރާނަން، ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން އިސްލާހު ކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނީ އިދިކޮޅު މީހުން ދައްކާ ވާހަކަތަކަށް ކުޑަވެސް ފަރުވާއެއް ނުބަހައްޓައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް މިއަދު ފާސް ކުރި އެންޓި ޑިފެކްޝަން ބިލާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ އެއީ ރައްޔިތުންގެ ކަންބޮޑުވުމެއް ގޮތުގައި އެތަށް ދުވަހަކު އޮތް މައްސަލައަކަށް ކަމަށާއި އަދު ޕީއެމް އަދި އެމްޑީއޭ ކޯލިޝަން އިން މިއަދު އެކަން ނިމުމަކަށް ގެނައި ކަމަށެވެ. އަދި އެކަންކޮށްފައި ވާނީ އެ ދެ ޕާޓީގެ މެންބަރުންނަށް ވެސް ލިބޭ ބާރުތަކެއް ދޫކޮށްލައިގެން ކަމަށާއި އޭގެ ސަބަބުން ގޮނޑި ވިއްކުން އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު ގައުމަށްޓަކައި މި ނިންމި ނިންމުމުގެ ސަބަބުން ދެން މަޖިލީހަށް ކުރިމަތިލާނީ އިހްލާސްތެރިން، ގޮނޑީގެ ބޭނުމުގައި އަމިއްލަ ފައިދާ ބޭނުންވާ މީހަކަށް ދެން މަޖިލީހަކަށް ކުރިމަތިލާކަށް ނުކެރޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.