ގާނޫނު ތަންދޭ މިންވަރަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، އޭސީސީއަށް ރައްދު ދެއްވައިފިއެވެ.
އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ބައެއް މައްސަލަތައް އެކަށީގެންވާ ގާނޫނީ ސަބަބެއްނެތި ދައުވާ ނުކުރަން ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ތަހުގީގު ހިންގާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކާ ގުޅިގެން ދައުވާ ކުރުމާމެދު ލަސްވެގެންދިއުން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތައް އެކަށީގެންވާ ގާނޫނީ ސަބަބެއްނެތި ދައުވާ ނުކުރަން ޕީޖީން ނިންމުމުގެ ސަބަބުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް އެކޮމިޝަންގެ ރިޕޯޓްގައި ވެއެވެ.
ޕީޖީން މިއަދު ނެރުނު ބަޔާނުގައި ބުނީ ބައެއް ކުށްކުށުގައި ދައުވާކުރުމުގެ އުސޫލަށް ބަދަލު ގެނެސް، އެ ބަދަލުގެނައި ފަހުން އޭސީސީން ހުށަހެޅި ހުރިހާ މައްސަލައެެއްްގައި ފިޔަވަޅު އަޅާފައިވާނެ ކަަމަށެވެ. އޭސީސީން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަނބުރާ ފޮނުވާލާފައި ވަނީ ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުންް ދައުވާ ކުރެވެން ނެތް މައްސަލަތަައް ކަމަށާއި އެ މައްސަލަތައް މުރާޖައާކުރަން އަލުން ޕީޖީއަށް ފޮނުވަން އޭސީސީއަށް އަންގާފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން އަނބުރާ ފޮނުވައިލި މައްސަލަތަކުގެ ތެރޭގައި 10 އަހަރު ކުރީގެ މައްސަލަތައް ހިމެނޭކަން ވެސް ޕީޖީން ފާހަގަކޮށްފައި ވެއެވެ.
"... ކުރިއަށް ގެންދެވެން ނެތް ކަމަށް، އޭރު އަމަލުކުރަމުން އައި އުސޫލުތަކުގެ ތެރެއިން ނިންމާފައިވާ މައްސަލަތަކުގެ ނިންމުންތައް މުރާޖައާ ކުރުމަށްޓަކައި މިއޮފީހަށް ހުށަހެޅުއްވުމަށް އެކޮމިޝަނުގައި ދެންނެވުމުން އޭގެ ތެރެއިން އަލުން މިއޮފީހަށް ހުށަހަޅުއްވާފައި ވަނީ މަދު މައްސަލައެއްކަން ފާހަގަ ކުރަމެވެ،" ބަޔާނުގައި ވެއެވެ.
ނިންމުންތައް މުރާޖައާ ކުރަން އަލުން ހުށަހެޅުމަށް ދެންނެވި މައްސަލަތައް ހުށަނާޅައިގެން އޭސީސީއަށް މިދިޔަ އަހަރު ފަހުކޮޅު ޕީޖީން ސިޓީއެއް ފޮނުވި ކަމަށް ވެސް ޕީޖީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަަނީ އެފަދަ 28 މައްސަލައެއް އަލުން ހުށަހަޅަން މިއަހަރު ވެސް އޭސީސީއަށް ލިއުމުން ދަންނަވާފައިވާ ކަމަށެވެ.
ބަޔާން ނިންމާލަމުން ބުނެފައި ވަނީ ދައުވާކުރުމާ މެދު ގޮތެއް ނިންމުމަކީ ޕީޖީ އޮފީހުގެ ކަމެއް ކަމަށާއި އެކަން ނިންމުމުގައި ބަލަން ޖެހެނީ ލިބިފައިވާ ހެއްކާއި ގަރީނާއާއި ގާނޫނުތަކަށް ކަމަށެވެ.