ވިޔަފާރި

ދައުލަތައް ދައްކަން ޖެހޭ ފައިސާ އުނިކުރުމަށްފަހު އެމްޓީޑީސީގެ އެކައުންޓްތައް ދޫކޮށްލައިފި

May 17, 2015

އެމްޓީޑީސީން ދައުލަތައް ދައްކަން ޖެހޭ 5.9 މިލިއަން ޑޮލަރު އުނިކުރުމަށްފަހު "ފްރީޒް" ކޮށްފައިވާ އެކައުންޓްތައް މީރާއިން ދޫކޮށްލައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން ބުނީ ރިސޯޓް ތަރައްގީ ކުރުމަށް 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގއ. ވޮޑަމުލާ އާއި ގދ. ކޮނޑޭމަތީލާބާދޫގެ ހެޑްލީސް އެގްރީމެންޓް މި ދެރަށް ނުހެދުމުގެ ސަބަބުން ބާތިލް ކުރުމުން ކުލީގެ ގޮތުގައި 5.9 މިލިއަން ޑޮލަރު ދައްކަން ޖެހިފައި ހުރި ކަމަށެވެ. އަދި މި ފައިސާ ދެއްކުމަށް މީރާއިން އެންގުމާ ގުޅިގެން ފައިސާ ދެއްކުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ޑޮލަރު ލިބުން ތާށިވުމުގެ ސަބަބުން މި ފައިސާ ދައްކަން ޖެހޭ މުއްދަތައް ނުދެއްކުނީ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.

"މިގޮތަށް ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރިކަމުގެ މައުލޫމާތު ލިބުމާއެކު ސަރުކާރާއި މިރާއާ ވާހަކަ ދައްކައި އެ މައްސަލަ ހައްލު ކުރުމަށްފަހު، އެކައުންޓް ފްރީޒް ކުރެވުނު ދުވަހު ހުރިހާ ބޭންކިން މުއާމަލާތް ކުރެވޭ ގޮތަށް ހުރިހާ އެކައުންޓްތައް ދޫކޮށްފައިވާ ކަމަށް އެންމެހައި ހިއްސާދާރުންނާއި ކުންފުންޏާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތައްޓަކައި ދެންނެވީމެވެ،" އެމްޓީޑީސީން ބުންޏެވެ.

ދައުލަތައް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެއްކުމުގެ ސަބަބުން މީރާއިން 20 ކުންފުންޏެއްގެ އެކައުންޓް ފްރީޒްކޮށްފައިވެ އެވެ. މި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއް ކުންފުނި ކަމަށްވާ ވިލީ ޝިޕިންގެ އެކައުންޓްތައްވެސް ހިމެނެ އެވެ.