ހަބަރު

ސިޔާދާ ދެކޮޅު ގަރީނާވެސް ފެނުނީ ކަޅު ދަބަހަކުން

އެކެއް ފެބްރުއަރީ އަމުރާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކުރުމަށް ފަހު ހައްޔަރުކޮށްފައިވާ ވިލާ ގްރޫޕްގެ ޗެއާމަން އިބުރާހީމް ސިޔާދު ގާސިމާ ދެކޮޅަށް ގަރީނާގެ ގޮތުގައި ކަޅު ދަބަހަކުން ފެނުނުކަމަށް ބުނާ ލިއުމެއް ދައުލަތުން ހުށަހަޅައިފި އެވެ. ސިޔާދު ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބުރާހީިމްގެ ދަރިކަލެކެވެ.

ސިޔާދާ ދެކޮޅަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ އެޕާޓްމަންޓް ފެބްރުއަަރީމަހުގެ ހަވަނަ ދުވަހުގެ ރޭ ބަލައި ފާސްކުރި އިރު އެ އެޕާޓްމަންޓްގެ ތެރެއިން ފެނުނުނު ކަޅު ބެކްޕެކަކުން
ވިލާ ގްރޫޕްގެ ލެޓާ ހެޑްގައި ސިޔާދު ސޮއިކުރައްވާފައިވާ ސިޓީއެއް ފެނުނު ކަމަށެވެ.

ވިލާ ޝިޕިންގެ އެންޑް ޓްރޭޑިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ސޮއިކުރައްވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ން ބުނާ ސިޓީގައި އޮތް ކަމަށް ބުނެފައި ވަނީ ފައިސާގެ މުއާމަލާތެއްގެ ތަފުސީލެވެ. އެގޮތުން ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ އަހުމަދު މިސްފިރު ހިމެނޭ ގޮތުން ތިން މީހަކަށް 2.4 މިލިޔަން ޑޮލަރުދޭން ނިންމާފައިވާ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ. މެލޭޝިއާގެ ސައިބާ ޖާވާގެ ސެޓިއާ އިކޯ ގްލޭޑްސް ނަމަކަށް ކިޔާ ކުންފުންޏަކުން ލޭކް ފްރޮންޓް ވިލާތަކެއް އުއްތަމަ ފަނޑިޔާރާއި މިސްފަރުގެ ނަމުގައި ރިޒާވްކޮށް އެތަންތަނަށްވާ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާކަމަށް ސިޓީގައި އޮތް ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

އެ ސިޓީގައިވާ ސިޔާދުގެ ސޮއި ފޮރެންސިކް ރިޕޯޓް ހެދިއިރު ސިޔާދުގެ ސޮޔާ ދިމާވާ ކަމަށް ވެސް ޕީޖީގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޕީޖީ އިން އުފުލި ދައުވާގައި އަދި ބުނެފައި ވަނީ އެމުއާމަލާތްތަކަކީ އެކެއް ފެބްރުއަރީ އަމުރު ނެރެެން ވެގެން ކުރި މުއާމަލާތްތަކެއް ކަަމަށް ބެލެވޭ ކަމަށެވެ. އެގޮތަށް ބެލެވޭ ސަބަބެއް ކަމަށް ބުނެފައި ވަނީ ގާސިމް އިބުރާހީމް ވަގުތުން މިނިވަންްކުރުމަށް އަމުރުގައި އޮތުމެވެ. އެކެއްގެ

ފެބުރުއަރީ އެކެއްގެ އަމުރާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައި ވަނީ، ރައީސް މައުމޫން އޮފީހުގެ މުވައްޒަފެއްގެ ގެއިން ފެނުނު ކަޅު ފޮއްޓެއްގައި ހުރި ލިޔުންތަކަކާ ގުޅިގެން އެވެ. ފުލުހުން ބުނެފައި ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން މައުމޫން އާއި އޭނާގެ އާއިލާގެ ބޭފުޅުން މަސައްކަތްކޮށްފައިވާ ކަމަށް އެ ފޮށީގެ ތެރެއިން ފެނުނު ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެކަމަށް ރިޝްވަތުގެ ފައިސާ ދީފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށް ވެސް ފުލުހުން އަންނަނީ ބުނަމުން އެވެ.

ސިޔާދުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތްވެސް ވަނީ ފަށާފަ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒް ފޯރުވުމުގެ ޝަރީއަތް މިދިޔަ ހަފްތާ ފަށާފައިވާއިރު އެ ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ.