ހަބަރު

ނަޝީދަށް އިންތިހާބުގައި ވާދަކުރެެވެންް ޖެހޭނެ: ޔޫއެން

އިންިތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބެން ޖެހޭނެ ކަމަށް ނިންމައި އެ ހައްގު އިއާދަކުރަން ޔޫއެން ހިއުމަން ރައިޓްސް އޮފީހުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ. ޔޫއެން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު ހުސައިންގެ އޮފީހުން މިއަދު ބުނީ ނަޝީދަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަަމަށް ނިންމީ އެމަނިކުފާނު 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު ހުށަހެޅުއްވި ޝަކުވާތަކެއް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން ބެލި ބެލުމުން އެނގުނީ ނަޝީދުގެ މައްޗަށް ހިންގާފައި ވަނީ އިންސާފުވެރި ޝަރީިއަތެއް ނޫންކަން ކަމަށާއި އެހެންވީމާ އިންތިހާބުތަކުގައި އަދި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުމުގެ ހައްގު ދޭން ޖެހޭނެ ކަމަށް ޔޫއެން ހިއުމަން ރައިޓްސްގެ ވެބްސައިޓުގައި މިއަދު ޖެހި ލިއުމުގައި ބުނެފައި ވެއެވެ. ނަޝީދުގެ މައްްސަލަ ބެލުމުން ފާހަގަ ކުރެވުނު މައްސަލަތައް ލިއުމުގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ފާހަގަކޮށްފައިވާ އެއް ކަމަކީ ނަޝީދުގެ ޝަރީއަތް ހިންގާފައި ވަނީ އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގާއިމްކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާއާ ހިލާފު ގިނަ ކަންތައްތަކެއް އެކުލެވޭ ގޮތުން ކަމަށް ވުމެވެ.

އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ އިތުރަށް ނަޝީދުގެ މައްސަލަ އަލުން ބަލައި އާ ޝަރީއަތެއް ހިންގުމަށް ވެސް ޔޫއެން ހިއުމަން ރައިޓްސް އޮފީހުން ވަނީ ގޮވާލާފައެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ފެއްޓެވުމަށް ފަހު ނަޝީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ފަރުވާއަށެވެ. ނަމަވެސް އޭގެ ފަހުން އެނބުރި ވަޑައެއް ނުގަންނަވައެވެ. އުޅުއްވަނީ އނގިރޭސިވިލާތާއި ސްރީލަންކާގަ އެވެ.