ހަބަރު

އަނބިމީހާއަށް އަނިޔާކުރި މީހާ ޖޫރިމަނާ ކުރުމުން ނުބައި މެސެޖެއް ވަނީ ދެވިފައި: ހޯޕް ފޯ ވިމެން

May 19, 2015
2

އަނބިމީހާ ދޯންޏެއްގެ ތެރެއަށް ވައްޓާލައި، އަނިޔާކުރި މީހަކު 200ރ. އިން ޖޫރިމަނާ ކުރުމުން މުޖްތަމައަށް ނުބައި މެސެޖެއް ދެވިގެން ގޮސްފައިވާ ކަމަށް އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ހޯޕް ފޯ ވިމެންއިން މިއަދު ބުނެފި އެވެ.

ދެމަރިފިންގެ ދެމެދުގައި ހިނގި ޒުވާބެއްގައި މާލޭ މަސް މާރުކޭޓް ސަރަހައްދުގައި އޮތް ދޯންޏެއްގެ ތެރެއަށް އަނބިމީހާ ވައްޓާލި މީހާ 200ރ. އިން ޖޫރިމަނާކުރަން މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ ކޯޓަށް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ހޯޕް ފޯ ވިމެންއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެފަދަ މައްސަލަތަކުގައި ދައުވާ އުފުލުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ނަމަވެސް މައްސަލަ ނިމިގެން ދިޔަ ގޮތުން މުޖްތަމައަށް ނުބައި މެސެޖެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. ކުށެއް ކުރާ ފުރަތަމަ ފަހަރު ބޮޑު އަދަބެއް އައުމަކީ އެ ޖަމްއިއްޔާއިން ވެސް ތާއީދުކުރާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އަދަބު ކަނޑައެޅުމުގައި އެކަމުގެ ސަބަބުން އެހެން މީހުންނަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ވެސް ވިސްނަންޖެހޭނެ ކަމަށެވެ.

"ހަމައެހެންމެ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއަކީ ހަމައެކަނި ދައުވާ އުފުލުމުގެ ބަދަލުގައި އިންސާފުވެރި ނަތީޖާއެއް ނެރުމުގެ އަމާޒުގައި މަސައްކަތް ކުރުން ކަމުގައި ވެސް ގަބޫލުކުރެވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ފިރިހެން މީހާގެ މައްޗަށް ދައުވާ އުފުލަން އަނިޔާ ލިބުނު އަންހެން މީހާ ބޭނުން ނުވި ނަމަވެސް މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު ދައުވާކުރީ އެވެ. އެހެންވެ އެކަމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލަށާއި ފުލުހުންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.