ހަބަރު

މީހެއްގެ މުދަލަށް ގެއްލުން ދިން މީހަކު 18 މަސް ދުވަހަށް ޖަލަށް

May 20, 2015

މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވި މީހަކު ޖަލަށް ލުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

މި  ހުކުމް އައީ ވެލިދޫ، މޭވާގޭ ހަސަން ޒަރީރު 30، ގެ މައްޗަށެވެ.

ޒަރީރުގެ މައްޗަށް ވަކިވަކިން ކުރި ދެ ހުކުމްގެ ތެރެއިން ފުރަތަމަ ޙުކުމްގައި ވަނީ  2014 އޭޕްރީލް އަށް ވަނަ ދުވަހު، އެ ރަށު މާނެޔޮ ގޭގެ ވެރި ފަރާތުގެ ހުއްދަ ނުހޯދައި އެގޭ ކޮޓަރިއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެކޮޓަރިއަށް ވަދެފައިވާތީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއަށް އިންކާރުކުރިނަމަވެސް ހެކިންގެ ހެކިބަހުން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. ހަ މަހަށް  ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.

ދެ ވަނަ ޙުކުމަކީ މިދިއަ އަހަރު އިތުރު ބަޔަކާއެކު ނ. ވެލިދޫ ގޮފިގޭ ކައިރިއަށް ގޮސް އެގޭގައި ހުރި ގޮނޑިތަކެއް އުކާލައި އެގޭ ފުރާޅު މައްޗައް ގާ އުކައި އެގޭގެ މަގުމަތީ ފާރުން 16 ފޫޓުގެ ބައެއް ވައްޓާލާފައިވާތީ މީހެއްގެ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއަށް އިންކާރުކުރި ނަމަވެސް ދަޢުލަތުން ހުށަހެޅި ދެހެކިންގެ ހެކިންގެ ހެކިބަހުން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ޝަރީއަތަށް ސާބިތުވާތީ ކަމަށެވެ. މި މައްސަލައިގައި ކުރީ 18 މަސް ދުވަހަށް ޖަލަށް ލުމުގެ ހުކުމެކެވެ.