ހަބަރު

ދައުވާ އޮތީ ފުލޯކު ވާހަކައެއް ގޮތަށް: އަލީ ހަމީދު

އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗައް އުފުލާފައިވާ ދައުވާ ސާފު ނުވާ ކަމަށާއި އެ ދައުވާ އޮތީ ފްލޯކު ވާހަކައެއް ގޮތަށް ކަމަށް ވިދާޅުވެ އަލީ ހަމީދު ޝަރީއަތުގައި ފާޑު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިދިޔަ މަހު ފަހަކުން ފަށައިގެން ހައްޔަރުކޮށްފައި ހުންނަވާ އަލީ ހަމީދު އެގޮތަށް ވިދާޅުވީ ތަހުގީގަށް އޭނާގެ ފޯނު ދިނުމަށް އިންކާރު ކުރުމުން ދައުލަތުން އުފުލާފައިވާ އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އާންމުކޮށް ހުޅުވާލެވިފައިވާ މިފަދަ މަޖިލީހެއްގައި އަލީ ހަމީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ އިއްޔެ ބޭއްވި އިބްތިދާއީ އަޑު އެހުން މެދުކެނޑާލި ހިސަބުން ފެށިގެން ކުރިޔަށް ގެންދިޔުމެވެ. އިއްޔެ ބޭއްވި ޝަރީއަތުގައި އެ މައްސަލާގައި ދައުވާ ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަލީ ހަމީދަށް ވެސް ދައުވާ ސާފުވޭތޯ އަދި އިންކާރު ކުރައްވާތޯ، މައްސަލަ ބައްލަވައި ގާޒީ އާދަމް އާރިފް ވަނީ އޮޅުން ފިލުވައިފަ އެވެ.

ނަމަވެސް އަލީ ހަމީދު އަރިހުން އެކަން ސާފު ކުރުމުގެ ކުރިން އިއްޔެގެ ޝަރީއަތަށް ވަޑައިގެން އިންނެވާ ރައީސް މައުމޫން ކޯޓުގައި ހަތް ގަޑިއިރު ހޭދަ ކުރައްވާފައިވާތީ އެމަނިކުފާނުގެ އެދިލެއްވުމަކަށް ގާޒީ ވަނީ ޝަރީއަތް އެހާ ހިސާބުން ކަނޑާލައިފަ އެވެ.

މިއަދު ބޭއްވި އަޑު އެހުމުގައި ދައުލަތުން އުފުލާފައިވާ ދައުވާ ސާފުވޭތޯ އަލީ ހަމީދުގެ އަރިހުން ގާޒީ ސުވަލު ކުރެއްވުމުން އޭނާ ވިދާޅުވީ ތެދަށް ދަންނަވާނަމަ ދައުވާ އެއްގޮތަކަށް ވެސް ސާފު ނުވާ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތާއި ގާނޫން އަސާސީގެ ހަމަތަކުން ބަލާއިރު ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރުތުތައް ވެސް ހަމަ ނުވާ ކަމަށާއި ތަފާތު ގޮތްގޮތަށް މާނަ ކުރެވޭ އެ ދައުވާ އޮތީ ފުލޯކު ވާހަކައެއްގެ މައްޗައް ދެކެވޭ ވާހަކަތަކެއް ފަދައިން ކަމަށެވެ. ދައުވާއަކީ ގިނަ ގޮތްގޮތަށް ބަލާއިރު ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ވެސް އަލީ ހަމީދު ވިދާޅުވި އެވެ.

ދައުވާގައި ސާފު ނުވާ ކަންކަމުގެ މައްޗައް އަލިއަޅުވާލަމުން އަލީ ހަމީދުގެ ވަކީލު މަހަފޫޒް ސައީދު ވިދާޅުވީ ދައުވާ ކޮށްފައިވާ މާއްދާގައި ބަޔާން ކުރާ ސަބަބުތަކުގެ ތެރެއިން ދައުވާ އުފުލާފައިވަނީ ސީދާ ކޮން މަގްސަދަކަށް ކަމެއް ދައުލަތުން ސާފުކޮށްދީފައި ނުވާ ކަމަށެވެ. އަދި ކުށުގެ ނިޔަތާއި މަގްސަދު ސާބިތު ކުރުމަށް ހެކި ހުށަހަޅާފައިވޭތޯ މަހަފޫޒް ސުވާލު ކުރެއްވި އެވެ. އޭގެ އިތުރުން މައްސަލައިގެ މާއްދީ ހެއްކަކަށް ފޯނެއް ވަނީ ކިހާ ހިސާބަކުންތޯ ވެސް ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތައް ދައުލަތުގެ ވަކީލަށް ދެތިން ފަހަރަށް ސާފު ކޮށްދިނުމަށް ފަހު ދައުލަތުގެ ވަކީލު ވިދާޅުވީ މާއްދީ ހެއްކަކަށް ފޯނު ވަނީ އެއީ ކުށެއް ކުރުމަށް މުއާމަލާތްތައް ފޯނުން ކުރެވިފައިވާ ކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

ދައުލަތުން އެކަންކަން ފާހަގަ ކުރުމުން ދައުވާ ސަފުވި ކަމަށް މަހަފޫޒް ވިދާޅުވި އެވެ. އެހެންކަމުން އެ ދައުވާ އިންކާރު ކުރައްވަނީތޯ ނުވަތަ އިއުތިރާފުވެވަޑައިގަންނަވާތޯ އަލީ ހަމީދު އަރިހުން ގާޒީ ސުވާލު ކުރެވި އެވެ. އަލީ ހަމީދު ވިދާޅުވީ އެއީ ޝަރުތުތައް ފުރިހަމަ ނުވާ އަސާސެއް ނެތް ދޮގު ދައުވާއެއް ކަމަށެވެ. އަދި އެކަމަށް އިންކާރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުލް އިންސާފު ގާއިމް ކުރުމުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ އިއްޔެ ބޭއްވި ޝަރީއަތުގައި ރައީސް މައުމޫންގެ ފަރާތުން އިންކާރު ކުރައްވާފައިވާ އިރު ގާޒީ މިއަދު ސުވާލު ކުރެއްވީ އިންކާރު ކުރައްވާ ސަބަބު ބަޔާން ކުރުމަށެވެ. ޖަވާބުގައި އެމަނިކުފާނުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެއީ ގާނޫނާ ހިލާފަށް ދައުވާކޮށްފައިވާ އަދި ދޮގު ވާހަކަތަކެއް މައްޗައް ބިނާކޮށް އުފައްދާފައިވާ މައްސަލައެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެ ސުވާލު އުއްތަމަ ފަނޑިޔާރު އަރިހުން އެއްސެވުމުން އެމަނިކުފާނު ވިދާޅުވީ އެއީ ރާއްޖޭގެ ގާނޫން އަސާސީއާއި ރާއްޖެއިން އަމަލު ކުރަން ލާޒިމް ކުރާ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ކަމެއް ކަމަށާއި ސުޕްރީމް ކޯޓު ފަޅާލުމަށް ފަހު ހިންގި ޖަރީމާއެއްގެ ތެރެއިން ކުރިޔަށް ގެންދާ ޝަރީއަތެއް ކަމަށެވެ. އޭގެ އިތުރުން ފަނޑިޔާރުންނާ މެދު އަމަލު ކުރެވެން ޖެހޭ ގޮތް ބަޔާންކޮށްފައިވާ އިރު ހުރިހާ ކަމަކާ ހިލާފުވުމަށް ފަހު 1 ފެބްރުއަރީގެ އަމުރު އޮއްބާލަން ކުރެވިފައިވާ "ކުޅޭ ކުޅޭ" ދައުވާއެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަލީ ހަމީދުގެ ފަރާތުން ވަކީލު މަަހަފޫޒު ވިދާޅުވީ އޭނާގެ މުވައްކިލަށް ދައުވާކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށާއި އެއީ ގާނޫނީ ގޮތުން ބަލައިއިރު ކުރެވޭނެ ދައުވާއެއް ވެސް ނޫން ކަމަށެވެ.

ދެ ފަނޑިޔާރުންނާއި ރައީސް މައުމޫންގެ ފަރާތުން ދެއްކެވި ވާހަކަތައް އަޑު އެހުމަަށް ފަހު ގާޒީ އާދަމް އާރިފް ވިދާޅުވީ ދައުވާއާ ގުޅިގެން ދައުލަތުންނާއި ދިފާއީ ވަކީލުންތަކުގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާއިރު އެއީ މަދަނީ ގޮތުން ކުރިޔަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ނިންމާ ކަމަށެވެ.

ގާޒީ އެގޮތަށް ނިންމެވުމުން އުއްތަމަ ފަނޑިރު ތެދުވެވަޑައިގެން ވިދާޅުވީ އެމަނިކުފާނު 10 އަހަރު ވަންދެއް ފަނޑިޔާރުކަން ކުރައްވުމާ ގުޅިގެން ދައްކަވާ ވާހަކަތައް ހުރެދާނެ ގޮތަކަށް މަފަށް އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މިހާތަނަށް ޝަރިއަތުގައި ދެއްކެވި ވާހަކަތަކުން އެ މައްސަލަ މަދަނީ ގޮތުން ކުރިޔަށް ގެންދެވޭނެ ކަމަށް މިހާރުގެ ވެސް އުއްތަމަ ފަނޑިޔާރެއްގެ ހައިސިއްޔަތުން ގަބޫލެއް ނުކުރެވޭ ކަމަށެވެ. މިހާރު އޮތް ގޮތުން "ބެލެންސް އޮފް ޕްރޮބަބިލިޓީ"އަށް އެއްގޮތަކަށް ވެސް ބަލާފައި ނުވާ ކަމަށާއި މައްސަލަ ކުރިޔަށް ގެންދެވޭ މިންގަނޑަކަށް ވެސް ނުފެތޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ވަކީލުންގެ ބައްދަލުވުންތަކަށް އިތުރު ވަަގުތުދޭން އަމުރު ނެރެނީ

މިއަދުގެ ޝަރީއަަތުގައި ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދުގެ ފަރާތުން ވެސް ވަނީ ވަކީލު ބައްދަލުވުންތަކަށް އެކަށިގެންވާ ވަގުތު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ފުލުފުލުހުން ޝަރީއަތްތަައް ކުރިޔަށް ގެންދާއިރު ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަދައްކާލުމަށް އެއްގޮތަކަށް ވެސް ފުރުސަތު ނުލިބޭ ކަމަށް ބައެއް ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެ މައްސަލާގައި ވަކިވަކިން ތިން ފަރާތުގެ ކަންބޮޑުވުންތައް ވެސް އަޑު އެހުމަށް ފަހު ގާޒީ އާދަމް އާރިފް ވިދާޅުވީ ވަކީލުންގެ ބައްދަލުވުންތަކަށް ވަކީލުން އެދޭ އެކަށީގެންވާ ވަގުތެއް ދިނުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް މިއަދު އަމުރު ކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުންތައް ދިން ވަގުތުތަކާ ބެހޭ ތަފްސީލްތައް ވެސް ކްރިމިނަލް ކޯޓަށް ހިއްސާ ކުރުން އެ އަމުރުގައި ހިމަނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝަރީއަަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ ފަރާތުންވެސް އެދިވަޑައިގަތީ މަދުވެގެން ދެ ހަފްތާގެ ވަގުތެއް ދިނުމަށެވެ. އަދި ދައުލަތުގެ ފަރާތުން އެދުނީ އަންނަ ހަފްތާ ހަމަޔަށް އެކަމަށް ތައްޔާރުވުމަށް ފުރުސަތު ދިނުމަށެވެ.

އެކަމާ ގުޅިގެން ގާޒީ ނިންމެވީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ހުށަހެޅުންތައް ހުށަހަޅާ ދެ ފަރާތައް ބަދަލު ކުރުމަށާއި އަންނަ މަހު އަށް ވަނަ ދުވަހު ދެން އިތުރު އަޑު އެހުމެއް ބޭއްވުމަށެވެ.