ހަބަރު

ސިފައިންނަކީ ވިކޭނެ ބައެއް ނޫން: ޝިޔާމް

ދިވެހި ސިފައިންނަކީ ބައެއް މީހުން ސިފަކުރާ ގޮތަށް އަގު ކަނޑައެޅުމުން އެކަމަށް ދީލާނާނެ ބައެއް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ހިދުމަތަށް 126 އަހަރު ފުރުން ފާހަގަ ކުރާ އަހީ ދުވަހުގެ މުނާސަބާގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ސިފައިން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ ހެވާ ލާބަޔަށްޓަކައި ކަމަށާއި ސިފައިން ތިބީ ކޮށްފައިވާ ހުވަޔާ އެއްގޮތަށް އަމަލުތައް ބަހައްޓާނެ ބައެއް ކަމަށެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމާ މުހާތަބުކުރައްވައި ޖެނެރަލް ޝިޔާމް ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ސާބިތުކަން މަތީ ދިވެހި ސިފައިން ތިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މިލޯބިވާ ގައުމުގައި ބައެއް މީހުން ޕްރައިސް ޓެގެއް އަޅުވައިގެން އުޅުން ކަމަށް ވިޔަސް އެކަން ގަބޫލުކޮށް އެކަމަށް ދީލާލާނެ ބައެއް ނޫނޭ. އަޅުގަނޑުމެންގެ މިމުއައްސަސާގައި ހިމެނޭ ހުރިހާ ސިފައިންނަކީވެސް ، ޖެނެރަލް އޮފިސަރުން ފެށިގެން އެންމެ އާދައިގެ ރޭންކްގެ މީހުންނާ ހަމައަށްވެސް، އަބަދުވެސް އަޅުގަނޑުމެން ދައްކައިދެމުން ދަނީ މި މިސާލު،" އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ހިދުމަތަށް 126 ފުރުން ފާހަގަ ކުރުމަށް މިރޭ ބާއްވާ ޖަލްސާގައި ރައީސް އަބުދުﷲ ޔާމީނު އަބުލް ގައްޔޫމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އެހެން ގިނަ މިނިސްޓަރުންނާއި އިތްޒަތްރެރިން ބައިވެރިވެ ވަޑައިގަތެވެ.