ފެބްރުއަރީ އެކެއްގައި ރާއްޖޭގައި ކުރަން ކުރަން އުޅުނު ބާޣާވާތް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ނާކާމިޔާބުކޮށްލެއްވީ އިނގިރޭސިންނާ ދެކޮޅަށް ކުރީގެ ރައީސް އިބުރާހީމް ނާސިރު ބޭނުން ކުރެއްވި ފަދަ އުކުޅުތައް ބޭނުން ކުރައްވައިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ހިދުމަތަށް 126 އަހަރު ފުރުން ފާހަގަކުރަން ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ފެބުރުއަރީ އެކަކާ ގުޅިގެން ރައީސް ޔާމީނު ކުރެއްވި މަސައްކަތްޕުޅާއި އެޅުއްވި ފިޔަވަޅުތައް ރާއްޖޭގެ ތާރީހާއި އަސްކަރީ ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކަމަށް ވިދާޅުވެފައެވެ.
"ބަޣާވާތް ނާކިޔާބު ކޮށްލެއްވުމަށް އެމަނިކުފާނު ބޭނުންކުރެއްވީ ސުންމުވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ބޭނުންކުރެއްވި ފަދަ ހިކުމަތު އަމަލީގެ ކަންތައްތަކެއް. ހަމަ އެއާ އެކީގައި އެ ބަޣާވާތް ނާކާމިޔާބުކޮށްލެއްވުމަށް އެމަނިކުފާނު ބޭނުންކުރެއްވީ އިނގިރޭސިންގެ ހިމާޔަތުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށްޓައި ސުއްމުވުލް އަމީރު އިބުރާހީމް ނާސިރު ބޭން ކުރެއްވި އުކުޅުތައް،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކުރިމަތިވި އެނުރައްކާތަކުން ރާއްޖެ ސަލާމަތްކޮށްދެއްވައި ސަލާމަތުގެ އައްސޭރިއަކަށް މިއަދު މިވަނީ ގެނެސް ދެއްވާފައި، އަމިއްލަ ފުރާނަފުޅަށް އަމިއްލަ ނަފުސަށް ބެއްލެވުމެއް ނެތި ކުރެއްވި މަސަައްކަތްޕުޅުން ކަމަށެވެ. އަދި އެއީ އެގޮތަށް އެ މަސައްކަތްޕުޅު ކުރެއްވީ ސިފައިންގެ އިހުލާސްތެރިކަމާ އެކުގައި ކަަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މި ގައުމަށް ކޮށްދެއްވާފައިވާ މިންނެތް މަސަައްކަތްޕުޅުތަކަކީ މިރޭ އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ މަސައްކަތްޕުޅުތަކެއް. ހާއްސަގޮތެއްގައި އެކެއް ފެބްރުއަރީގެ ބަޣާވާތް ނާކާމިޔާބުވެގެން ދިޔައީ ސިފައިންގެ އިހުލާސްތެރިކަމާ އެކީގައި ރައީސުލް ޖުމްހޫރިއްޔާގެ ހިކުމަތު އަމަލީގެ ވަރުގަދަ ކަމާއި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން،" އޭނާ ވިދާޅުވިއެވެ.
ސިފައިންނަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވި ކޮންމެ ދަނޑިވަޅެއްގައި ސިފައިން މަސައްކަތް ކޮށްފައި ވަނީ ތައުުރީފު ހައްގުވާ މިންވަރަށް ކަމަށެވެ.
މިރޭގެ ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހި ސިފައިންނަކީ ބައެއް މީހުން ސިފަކުރާ ގޮތަށް އަގު ކަނޑައެޅުމުން އެކަމަށް ދީލާނާނެ ބައެއް ނޫން ކަމަށެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމާ މުހާތަބުކުރައްވައި ޖެނެރަލް ޝިޔާމް ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ސާބިތުކަން މަތީ ދިވެހި ސިފައިން ތިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މިލޯބިވާ ގައުމުގައި ބައެއް މީހުން ޕްރައިސް ޓެގެއް އަޅުވައިގެން އުޅުން ކަމަށް ވިޔަސް އެކަން ގަބޫލުކޮށް އެކަމަށް ދީލާލާނެ ބައެއް ނޫނޭ. އަޅުގަނޑުމެންގެ މިމުއައްސަސާގައި ހިމެނޭ ހުރިހާ ސިފައިންނަކީވެސް ، ޖެނެރަލް އޮފިސަރުން ފެށިގެން އެންމެ އާދައިގެ ރޭންކްގެ މީހުންނާ ހަމައަށްވެސް، އަބަދުވެސް އަޅުގަނޑުމެން ދައްކައިދެމުން ދަނީ މި މިސާލު،" އޭނާ ވިދާޅުވި އެވެ.